އެމެރިކާގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ހޯއްދެވުމާ ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އިއްޔެ ނިމުނު އިންތިހާބުގައި ޓްރަމްޕް ވަނީ އޭނާއާ ވާދަކުރެއްވި އެމެރިކާގެ މިހާރުގެ ނައިބު ރައީސް އަދި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު ކަމަލާ ހެރިސްގެ މައްޗަށް ކުރިލިބިވަޑައިގެންފައެވެ. އިންތިހާބުގެ ނަތީޖާތައް ދައްކާ ގޮތުން މިހާތަނަށް އައިއިރު، 267 އިލެކްޓޯރަލް ވޯޓު ޓްރަމްޕަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ކަމަލާއަށް ލިބިވަޑައިގަތީ 224 އިލެކްޓޯރަލް ވޯޓެވެ. އެމެރިކާގެ ރައީސްކަން ލިބެނީ 270 އިލެކްޓޯރަލް ވޯޓު ލިބިގެންނެވެ.
އިންތިހާބުގައި ޓްރަމްޕް ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ދަންނަވައި “އެކްސް” (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަނީ އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް ދެ ފަރާތުގެ ދެމެދު އޮތް ގުޅުން ހަރުދަނާކޮށް، ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، ދުނިޔޭގެ ސުލްޙަމަސަލަސްކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

