ކ. މާލެ، ހ. ދުބުރިމާގެއާގެ އަޙްމަދު ޝަރީފް ޓެކްސީ ކުރުމަށް ކާރެއް ގަތުމަށް، ގދ. ފަރެސްމާތޮޑާ، ފަރެސްއަވަށް، ޔާޑްލީ، އަޙްމަދު މުމްތާޒްގެ އެކައުންޓަށް 50,000 ރުފިޔާ ޖަމާކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގައި، އެ ފައިސާ ޖަމާކުރިކަން ސާބިތު ނުވާތީ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ ފައިސާ ޖަމާކުރިކަން ސާބިތުނުވާތީ މުމްތާޒް ފައިސާ ދައްކަން ނުޖެހޭ ކަމަށެވެ. އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ޝަރީފް ވަނީ ހައިކޯޓަށް އިސްތިއުނާފު ކޮށްފައެވެ.
ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ ފައިސާ ޖަމާކުރިކަން ސާބިތުކުރަން ހުށަހެޅި ހެކިންގެ ބަހުން އެކަން ސާބިތުނުވާ ކަމަށެވެ. އަދި ބޭންކް މުޢާމަލާތްތަކުގައި ލިޔެކިޔުމުގެ ހެކި މުހިންމުކަމާއި، ހަމައެކަނި ޝަފަހީ ހެކިން ބަލައިގަނެވެން ނެތްކަމަށްވެސް ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލައިގައި ޝަރީފް ވަނީ ފައިސާ ޖަމާކުރިކަން ސާބިތުކޮށްދިނުމަށް ދެ ހެކިވެރިން ހުށަހަޅާފައެވެ. ނަމަވެސް އެ ހެކިވެރިންގެ ހެކިބަހުން އެކަން ސާބިތުނުވާކަމަށް ފަނޑިޔާރުން ވަނީ ނިންމާފައެވެ. އަދި ފައިސާ ޖަމާކުރި ކަމަށް ބުނާ ތާރީޚުތަކުގައިވެސް ފުށުއެރުންތަކެއް ހުރިކަން ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.
މިގޮތުން ސިވިލް ކޯޓުގެ ނިންމުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. އަދި ކާރު އަދި ކާރު ގަތުމަށް ދެއްކި ކަމަށް ބުނާ ފައިސާ އަނބުރާ ދޭން ނުޖެހޭނެ ކަމަށް ނިންމާފައެވެ.
“ބަހުސްގެ ބޭނުމަށް މި ލިޔުން އާ ހެއްކެއް ގޮތުގައި ބަލައިގަތްކަމުގައިވީ ނަމަވެސް މި ލިޔުމުގައި ފައިސާ ޖަމާކުރި ތާރީހު ކަމަށް ލިޔެފައިވަނީ 08 ނޮވެންބަރު 2015 އެވެ. އިސްތިއުނާފު ކުރާ ފަރާތުން ޑޮކިއުމަންޓް 1 (ފައިސާ ހަވާލުކުރުމަށް ވާ އެއްބަސްވުން) ގެ ގޮތުގައި ދަށުކޯޓަށް ހުށަހެޅި ލިޔުމަށް ބަލާއިރ،ު އިސްތިއުނާފު ކުރާ ފަރާތުން އަހްމަދު އީވާން ޒާހިރުއަށް ފައިސާ ހަވާލުކޮށްފައިވަނީ 08 ނޮވެންބަރު 2015 ވަނަ ދުވަހުއެވެ. ނަމަވެސް ދައުވާ ފޯމުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލުގައި އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވަނީ ފައިސާ ޖަމާކުރީ 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭ ކަމަށެވެ.” ފަނޑިޔާރު ވިދާޅުވިއެވެ.
އެ ލިޔުމަކީ، އެއީ އިސްތިއުނާފު ކުރާ ފަރާތުގެ ދައުވާ ސާބިތުކުރުމަށް ރިއާޔަތް ކުރެވިދާނެ ލިޔުމެއް ނޫން ކަމަށް ފަނޑިޔާރު ވިދާޅުވި، ރައުޔަށް ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން، ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ހަސަން ޝަފީއު ވަނީ ތާއީދު ކުރައްވާފައެވެ.
މިގޮތުން ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ވަނީ ނިންމާފައެވެ.

