ރާއްޖެއިން ކުރިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އަހުމަދު ހަލީލްއަށް ޖަޕާނުން މަތީ ޝަރަފެއް އަރުވައިފިއެވެ.
މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ޖަޕާނުގެ އެމްޕަރަރ ވަނީ ހަލީލްއަށް “އޯޑަރ އޮފް ދަ ރައިސިންގ ސަން ގޯލްޑް އެންޑް ސިލްވަރ ސްޓާރ” އެރުއްވާފައެވެ.
ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއީ ރާއްޖޭގެ ބޭފުޅަކަށް މި ޝަރަފު އެރުވުނު ފުރަތަމަ ފަހަރެވެ. މި ޝަރަފު ހަލީލްއަށް އެރުވުނީ ރާއްޖެއާއި ޖަޕާނުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އޭނާ ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ.
ހާރިޖީ ދާއިރާގައި 41 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ހަލީލް، 2011 ވަނަ އަހަރު ޖަޕާނަށް އެރި ސުނާމީއާ ގުޅިގެން 700,000 އެއްހާ ދަޅުމަސް ރާއްޖެއިން ހަދިޔާކުރުމަށް މަސައްކަތްކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށް ޖަޕާނުގެ ހިލޭ އެހީ ހޯދުމަށްވެސް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.