މިއީ މިޒަމާނުގައި ފެންނާނެ ފަދަ މަންޒަރެއް ނޫންވެ. އަންބަކަށްޓަކައި، އެވެސް އެ އަނބިމީހާ އަބަދުގެއަބަދަށް ދުނިޔެއާ އަލްވަދާއު ކިޔައި ވަކިވެދިއުމަށްފަހު، އެފުރާނައަށް ރަހުމަތް ލެއްވުން އެދިގެން، އޭނާއަށްޓަކައި ބިންމަތީގައި ދެމިގެންވާ ސޮދަގާތެއް ބިނާ ކުރި ވާހަކައެވެ. މިއީ ހިޔާލީ ވާހަކައެއް ނޫނެވެ. މިއީ މިތަރައްގީވެފައިވާ ޒަމާނުގައި ފެނިގެން ދިޔަ ބޮޑު ހަގީގަތެއްގެ ވާހަކައެވެ.
މި ވާހަކަ ގެނެސްދިނުމުގެ ކުރިން ދަންނަވާލަމެވެ. މީގެ 3 އަހަރު ކުރިން އަޅުގަނޑު އޮންލައިން ނޫހަކަށް ލިޔުނު “ވަކިވާން ޖެހުމުން” ވާހަކައިގައި އަޅުގަނޑު ހިމަނާފައިވާ މިސްކިތުގެ ބަޔަކީ ހިޔާލެކެވެ. އަހަރުތަކެއް ފަހުން މިއަދު މި އިބުނީ ރާއްޖޭގެ ރަށެއްގައި ޒުވާނަކު އޭނާގެ ލޯބިވާ ލޮބުވެތި އަނބިމީހާއަށްޓަކައި، އެ އަނބިމީހާގެ ފާފަތައް ފުއްސަވައި އޭނަގެ ފުރާނައަށް ރަހުމަތް ލެއްވުން އެދިގެން، މި ބިންމަތީގައި ދެމިގެންވާ ސޮދަގާތެއް ދޫކޮށް ދިއުމުގެ މަގުސަދުގައި މިސްކިތެއް ބިނާ ކުރި ވާހަކައެވެ. އަޅުގަނޑުގެ ވާހަކަ “ވަކިވާން ޖެހުމުން”ގައި ވާފަދައިން އެމިސްކިތުގައި ކުދިންނަށް އުނގަންނައިދެއެވެ. މިއީ އިއްތިފާގެއް ކަން ޔަގީނެވެ. ﷲގެ ކުޅަދުންވަންތަކަމުގެ މިހާ ރީތި ފުރިހަމަ އިއްތިފާގެއް ލެއްވިއަތީ ޝުކުރުވެރިވަމެވެ.
މަސްޖިދުއްޝިފާ: ދެމިގެންވާ ލޯތްބެއްގެ ހަނދާނުގައި، ހަގީގީ ލޯތްބަކީ މިއީ
މާލެ އަތޮޅު ހުރާ ސުކޫލު ގޯތި ތެރޭގައި އަޅާފައިވާ މިސްކިތެކެވެ. މަސްޖިދުއްޝިފާގެ ނަމުން ނަން ދެވިފައިވާ ސުކޫލުގެ މުދައްރިސުންނާއި ސުކޫލުގެ މުވައްޒަފުންނާއި ދަރިވަރުން ނަމާދުކޮށް ޤުރުއާން ކިޔަވައި، ޤުރުއާން އުނގެނުމަށް ތިބެވޭނެ ފުރުސަތުވެސް އޮތް މިސްކިތެކެވެ. ތަނުގެ ފާރުތަކާއި ޓައިލްސްތަކުން ފެށިގެން ދޮރުތަކާއި ތަނުގެ ފަރުމާކުރުމާ ހަމައަށް، އަދި ތަނުގެ ސާފުތާހިރުކަން ބުނެދެނީ ތަނަށްޓަކައި ހިތްތަކުގައި އޮތް ލޯތްބާއި ގަދަރެވެ.
ކ ހުރާ ސުކޫލު ގޯތިތެރޭގައި އަޅާފައިވާ މި މިސްކިތަކީ ހަމަ އެރަށު ރައްޔިތަކު އޭނާގެ އަނބިމީހާއަށް ކުރާ ގަދަރާއި އޭނާގެ ހިތާއި ނަފުސުންވާ ނިމުމެއް ނެތް ލޯބީގެ ރަމްޒީ ނިޝާނެކެވެ. މިޒަމާނުގައި އެކުގައި ދިރިއުޅޭ އަނބިމީހާއަށްޓަކައި، ކުޑަމިންވަރަކަށް، މީރު ކާއެއްޗެއް އަމިއްލައަށް ގެނެސްދޭން ނުވަތަ ހަމަ ކުޑަކުޑަ ހަދިޔާއެއް ދިނުމަށް މާލާއި ނަފުސުން މަސައްކަތް ކުރާ މީހުން ފެންނަނީ މަދުންނެވެ. މުއްސަނދިން ދެއްކުންތެރިކަމަށްޓަކައި އަގުބޮޑު ހަދިޔާބަދިޔާ ގަނެދޭމަންޒަރު ސޯޝަލްމީޑިޔާގައި އިޝްތިހާރުކޮށްފައި އޮވެއެވެ. އެކަމަކު ދެއްކުންތެރިކަމެއްނެތް ސާފު ހިތަކުން ކަމެއްކުރާ މަންޒަރު ފެންނަނީ މަދުންނެވެ. މިދައްކަނީ ތާއަބަދު ފެންނަ، އެކުގައި ވަގުތު ހޭދަކުރަމުންދާ ދިރިދުނިޔޭގައި އިންނަ އަނބިންގެ ވާހަކައެވެ. ދުނިޔޭގައި ދިރިތިބީންނަށް ކަމެއް ކޮށްދޭނެ ވަގުތު ނެތް މި ބިޒީ ދުނިޔޭގައި، ޝާހިދު ފަދަ އިންސާނަކު އުޅޭ ވާހަކަ އަޑުއިވުމުން އޭނާގެ ވާހަކަ އަޑުއަހާނުލައި ހިތްހަމަޖެހުމެއް ނުލިބުނެވެ.

އަނބިމީހާގެ ހަނދާނުގައި ކ. ހުރާ ސްކޫލުގައި ޝާހިދު (މ) އެޅި މިސްކިތް، މަސްޖިދުއްޝިފާ ހުޅުވައި ރަސްމީކޮށް ސްކޫލާ ހަވާލުކުރަނީ

އަނބިމީހާގެ ހަނދާނުގައިހުރާ ސްކޫލުގައި ޝާހިދު (މ) އެޅި މިސްކިތް، ހުޅުވައި ރަސްމީކޮށް މިއަދު ސްކޫލާ ހަވާލުކުރަނީ ހުރާ ސުކޫލުގެ ޕްރިންސިޕަލާއި ސީނިއާ މެނޭޖްމަންޓް ސްޓާފުން.، މިސްކިތުތެރޭގައި……ފޮޓޯ:ޝާހިދު
ޝާހިދު ހުވަދޫމީޑިއާ އަށް ދިން ވަގުތުކޮޅަށް ފުރަތަމަވެސް ޝުކުރު އަދާ ކޮށްލަމެވެ. ހުވަދޫ މީޑިޔާއަށް ޝާހިދު ހިއްސާ ކުރީ އޭނާގެ ކަނބުލޮގެ ވާހަކައިން ކުޑަކުޑަ މިންވަރެކެވެ. އަދި މަސްޖިދުއްޝިފާގެ ހަގީގަތެވެ. ފަރުދާއަކާނުލައި އޮތް ސީދާ ތެދު ހަގީގަތެވެ.
“ވަރަށް ހެޔޮ، ވަރަށް ލޯބިވި އަތްނބެއް ކަނބުލޮއަކީ، ދެން މިހާރު ކުރެވޭނީ މިކަހަލަ ކަމެއް،” ޝާހިދަކީ މިޒަމާނުގައި ވަރަށްވެސް މަދުން ނޫނީ ނުފެންނާނެ ފަދަ އިންސާނެކެވެ. އެއްވެސް އިންސާނަކު އަނެއް އިންސާނާ ދެކެ، ތިމާގެ ހުރިހާ އުފަލަކަށްވުރެ މަތީ ދަރަޖައަކަށް ލޯބިވުމަކީ، ލޯބިވެސް އެލޯތްބަށް ސަލާމްކުރާ ވަރުގެ ލޯތްބެކެވެ.
ހދ ވައިކަރަދޫ އަށް އުފަން، ޝާހިދުގެ ހަޔާތުގެ ބައިވެރިޔާއާއެކު، ހުރާގައި އޭނާ އުޅެމުންދިޔައީ އުފާވެރި، ހިތްހަމަޖެހޭ ނަލަނަލަ ދިރިއުޅުމެކެވެ. ޝާހިދުގެ ދުނިޔެއަކީ ޝިފާއަށް ވީގޮތަށް ޝިފާގެ ދުނިޔެއަކީ ޝާހިދެވެ. ކަލާނގެ ކުޅަދުންވަންތަކަމުން ކައިވެންޏަށް 8 އަހަރު ވީއިރު އެދެމީހުންނަށް ލޯބިލޯބި ދެދަރިން، ނަސީބުކުރައްވައިފިއެވެ. އެހެންނަމަވެސް މިއުފާވެރި ކުޑަކުޑަ ދުނިޔެއަށް އަނދިރިކަމެއް ވެރިވީ ހަމަކުއްލިއަކަށް ބޯމަތީ ނެގި ކަޅުވިލާގަނޑަކުންނެވެ. 8 އަހަރުގެ އުފަލަށް އެޅުނީ “ބްރެއިންޓިއުމަރެއް”ގެ ކަޅުހިޔަންޏެވެ.
“ކުރިންވެސް ބޮލުގައި ރިއްސާތީ އުޅޭނެ، އެކަމަކު އެކަން ސީރިއަސްކަމަކަށް ނުހަދާނެ، ރިއްސާ ވަރުން ޕެނަޑޯލްކަހަލަ ބޭހެއް ކައިގެން ހަމަޖެހޭވަރު ވާނީ،”
ޝާހިދު ކިޔައިދިން ވާހަކައިން ވިސްނުނީ ޝިފާއަކީ ވަރަށްވެސް އާދައިގެ މަޑުމޮޅި، ދީނަށް ކަމޭހިތާ އަންހެނެއްކަމެވެ. ތަދުތަކަށް ކެތްކުރަން އެނގޭ މީހެއް ކަމެކެވެ. އާދައިގެ ރިހުމެއް ކަމަށް ވިސްނައިގެން އުޅެމުންދަނިކޮށް ޝިފާގެ ބޮލުގެ ރިހުން ކެތްކުރަން ދަތިހިސާބަކަށް ދިޔައީއެވެ. އަދި 2021 ޑިސެމްބަރ މަހުގައި ޝިފާގެ ސިކުނޑީގައި ޓިއުމަރެއް އިންކަން އެނގުނީ، މާބޮޑަށް ހާލު ދެރަވެގެން މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުންނެވެ. ޓެސްޓުތަކުން އެނގުނީ ޝިފާގެ ސިކުނޑީގެ އެންމެ މުހިންމު ހިސާބުގައި ޓިއުމަރެއް އުފެދިފައިވާ ކަމާއި ފަރުވާއަށް އަތްނުފޯރާ ހިސާބަށް އޭގެ ވިހަ އަސަރު ފޯރާފައިވާ ކަމެވެ.
2021 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހަކީ ޝިފާ އަބަދުގެ އަބަދަށް މިދުނިޔެއިން ވަކިވެދިޔަ ދުވަހެވެ. އެހެންނަމަވެސް ދަމުންދަމުން އޭނާ ދިޔައީ ޝާހިދުގެ ހިތުގައި އެތަކެއް ބައްތިތަކެއް ދިއްލާފައެވެ.
ޝިފާގެ ވަކިވުމަކީ ޝަހިދުގެ މުޅި ރޫހުވެސް ވޭނުން ތެޅިފޮޅުނު ކަމަކަސްވިއަސް، ޝާހިދު އޭނާއާއި ޝިފާގެ ދެކުދިންނަށްޓަކައި ހިތްވަރާއެކު ދުނިޔޭގެ ހަގީގަތާ ކުރިމަތިލީ ފިސާރި ކެތްތެރިކަމާއެކު ކެރިހުރެއެވެ.

މަސްޖިދުއްޝިފާގައި ސްކޫލުގެ ދަރިވަރުން ގުރުއާން ކިޔަވަނީ ކަނާތުފަރާތު ކުޑަކުއްޖަކީ، ޝާހިދާއި ޝިފާގެ ހަގު ދަރިފުޅު……………….ފޮޓޯ:ޝާހިދު
“ދެވަނަ ކައިވެންޏެއް ކުރީ، ކުދިން ވަރަށް ކުޑަ، އެކުދިންނަށް މަންމައެއް ބޭނުންވޭ، ދެ ކުދިން ގޮވައިގެން، ވަޒީފާ އަދާކުރަމުން ދިރިއުޅެން ދަތިވާތީ އެ ކުދިންނަށްޓަކައި ދެވަނަ ކައިވެންޏެއް ކުރީ، ނަސީބު ރަނގަޅު، ވަރަށް ހެޔޮލަފާ އަތްނބެއް ލިބުނީ،، އެހެންނަމަވެސް ދިރިއުޅުން ފުރިހަމަ ވިއޭ ނުބުނެވޭނެ، ޝިފާ ނެތްކަމުގެ ފަޅުކަން ނުފިލާ، އެހުސްކަން އަދިވެސް އޮތީ އެހެން،”
ޝާހިދު ކިޔައިދިން ގޮތުގައި ލޯބިވާ އަނބިމީހާ، ވަކިވެގެން ދިޔަފަހުން، އޭނާގެ ހަނދާނުގައި ގިނަ ކަންތައްތަކެއް ކޮށްފައިވެއެވެ.
އެހެންނަމަވެސް މިސްކިތެއް އެޅުމަށް ނިންމީ، އޭގެ ސަބަބުން އަނބިމީހާގެ ފުރާނައަށް އަބަދުމެ ސަވާބު ލިބިލިބި ހުންނާނެކަމުގެ އުންމީދުގައެވެ.
“އެއީ އަނބިމީހާއަށްޓަކައި ދިން ހަދިޔާއެއް،” ޝާހިދު ބުންޏެވެ. މި ބަސްތަކުން އޭނާގެ ހިތުގައި އަނބިމީހާއަށް އޮތް ލޯތްބާއި ހަނދާން އަދިވެސް ދިރިހުރިކަން ހާމަވެއެވެ.
ޝާހިދު ޝުކުރު އަދާކުރީ ފުރަތަމަވެސް ﷲ ސުބުހާނަހޫ ވަތައާލާއަށެވެ. ހުރާ ސުކޫލުގެ ސްޓާފުންނާއި ދެ ފަރާތުގެ އާއިލާ އަދި އޭނަގެ އެކުވެރިންގެ އިތުރުން އަބަދުވެސް ލޯބިވާ ކަނބުލޮ އަށް ޝުކުރުއަދާ ކުރާ ކަމަށް ޝާހިދު ބުންޏެވެ.

އަނބިމީހާގެ ހަނދާނުގައި ކ. ހުރާ ސްކޫލުގައި ޝާހިދު އެޅި މިސްކިތް، މަސްޖިދުއްޝިފާ
މަސްޖިދުއްޝިފާއަކީ ހަމައެކަނި މިސްކިތެއް ނޫނެވެ. އެއީ ދެ މީހެއްގެ ދެމެދުގައި އޮތް ފުން ލޯތްބެއްގެ ހެއްކެވެ. މަރުވުމަށްފަހުގައި ވެސް އެ ލޯތްބުގެ ހަނދާން ދެމިގެންދާނެކަމުގެ ހެއްކެވެ. އަދި ހަމައެހެންމެ، އިސްލާމްދީނުގައި ޞަދަޤާ ޖާރިޔާ (ދެމިގެންވާ ޞަދަޤާތު) ގެ މުހިންމުކަން ހާމަކޮށްދޭ ނަމޫނާއެކެވެ.
(އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“މަރުވުމަށްފަހުގައި ކަށްވަޅުގައި އޮންނައިރުވެސް އެކަންކަމުގެ ޘަވާބު އަޅާއަށް ދެމިގެންވާ ހަތް ކަމެއްވެއެވެ. ޢިލްމެއް އުނގަންނައިދީފައިވާ މީހާއާއި، ކޯރެއް ދެމޭގޮތް ހަދައިދިން މީހާއާއި، ފެންވަޅެއް ކޮނުނު މީހާއާއި، ރުކެއް އިންދިމީހާއާއި، މިސްކިތެއް ބިނާކުރި މީހާއާއި، މުޞްޙަފެއް ވާރުތަކުރި މީހާއާއި، މަރުވުމަށްފަހުގައި އޭނާއަށްޓަކައި ދުޢާކުރާނެ ދަރި އެއް ދޫކޮށްފައި ދިޔަ މީހާއެވެ.”

…މިސްކިތްތެރޭގެ މަންޒަރެއް…………………………..ފޮޓޯ:ޝާހިދު
މަސްޖިދުއް ޝިފާ މިއީ ހަގީގީ ލޯތްބެއްގެ ވަރުގަދަ މިސާލެކެވެ. މަރުވުމަށްފަހުގައި ވެސް ދެމިގެންދާ ލޯތްބެއްގެ ހެއްކެކެވެ. މަސްޖިދުއްޝިފާއަކީ ހަމައެކަނި އިމާރާތެއް ނޫނެވެ. އެއީ ލޯތްބާއި، ވަފާތެރިކަމާއި، އީމާންތެރިކަމުގެ ރަމްޒެކެވެ. ޝާހިދުގެ ލޯތްބާއި އިހުލާސްތެރިކަމުގެ ރަމްޒީ ނިޝާނެކެވެ.
މިއީ ހަމައެކަނި ޝާހިދާއި ޝިފާގެ ވާހަކައެއް ނޫނެވެ. މިއީ އަޅުގަނޑުމެން އެންމެންނަށް ވެސް ލިބޭ ފިލާވަޅެކެވެ. ލޯތްބަކީ މަރުވުމާއެކު ނިމިގެންދާ އެއްޗެއް ނޫނެވެ. އަދި ހެޔޮ އަމަލުތަކަކީ އަބަދުވެސް ދެމިގެންދާނެ އެއްޗެކެވެ. މަސްޖިދުއްޝިފާއިން އަޅުގަނޑުމެންނަށް ދައްކުވައިދެނީ މި ހަގީގަތެވެ.
ހުވަދޫ މީޑިޔާގެ ޓީމުން ޝާހިދުގެ ކަނބުލޮ، ޝިފާގެ ފުރާނައަށް ރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ މަތިވެރި ނިއުމަތުގައި ލެއްވުން އެދި ﷲއަށް ދުއާ ދަންނަވަމެވެ. އަދި ޝާހިދުގެ ހެޔޮ އަމަލުތަކުގެ ބަދަލުގައި އޭނާއަށް އޭނާގެ ކަނބުލޮ، ސުވަރުގޭގައި ދެއްވުން އެދި ދެންނެވީމެވެ.
{“ވަކިވާން ޖެހުމުން” ވާހަކައިގެ ހިޔާލަކީ 3 އަހަރު ކުރީގެ ހިޔާލެއް ނޫނެވެ. އޭގައިވާ ހާދިސާ ހިނގާފައި އޮތީ އަހަރުތަކެއް ކުރިންނެވެ. އަދި އެ ހާދިސާ ގުޅެނީ އަޅުގަނޑުގެ ކުޑައިރުގެ ރަހުމަތްތެރިއެއްގެ ދައްތައެއްގެ ދިރިއުޅުމާ ގުޅިފައެެވެ. އެހެންނަމަވެސް ވާހަކައިގައި އަޅުގަނޑު ހިމަނާފައިވާ މިސްކިތުގެ ބަޔަކީ ހިޔާލެކެވެ. އެހާދިސާ ހިނގި ދުވަސްވަރު ހަގީގަތުގައި އޭގައި ބުނެފައިވާ ފިރިހެންމީހާ މިސްކިތެއް ބިނާ ނުކުރި ކަމުގައި ވިޔަސް އެތައް ކުދިންނަކަށް ކީރިތި ޤުރުއާން އުނގަންނައިދީ ގިނަ ސޮދަގާތްތަކެއް ކުރިއެވެ. މިސްކިތަކީ އަޅުގަނޑުގެ ހިޔާލުގައި އެވާހަކަ އިވުމުން ކުރެހުނު ތަސްވީރެކެވެ. އަދި އެވާހަކަ އެންމެ ފުރަތަމަ އަޅުގަނޑު ލިޔުނީ، 1998ގައި، އުމުރުން 13 އަހަރުގައި ސްކޫލު ދައުރުގައި އަމިއްލަ ޑައިރީގެ ގޮތުގައި ގެންގުޅުނު ލޮގް ފޮތުގައެވެ. ނަސީބު ކަންދިމާ ކުރި ދެރަ ގޮތުން ވާހަކަ އެއްވެސް ތަނެއްގައި ރަޖިސްޓްރީކޮށް މީހުންނަށް ކިޔަން ފެންނާނެ ފަދަ ގޮތަކަށް ނެރުމުގެ ފުރުސަތު ނުލިބި ހުރެ އެތައް އަހަރުތަކެއް ފަހަތަށް ހޭދަވެ ދިޔައީއެވެ. އެހެންނަމަވެސް އޮންލައިން ނޫހަކުން ވާހަކަ ލިޔުމަށް ލިބުނު ފުރުސަތާއެކު ފުރަތަމަވެސް ހިތަށް ގެނެވުނީ އެވާހަކައެވެ. އަހަރުތަކެއް ފަހުން މިއަދު މި އިބުނީ ރާއްޖޭގެ ރަށެއްގައި ޒުވާނަކު އޭނާގެ ލޯބިވާ ލޮބުވެތި އަނބިމީހާއަށްޓަކައި، އެ އަނބިމީހާގެ ފާފަތައް ފުއްސަވައި އޭނަގެ ފުރާނައަށް ރަހުމަތް ލެއްވުން އެދިގެން މި ބިންމަތީގައި ދެމިގެންވާ ސޮދަގާތެއް ދޫކޮށް ދިއުމުގެ މަގުސަދުގައި މިސްކިތެއް ބިނާ ކުރި ވާހަކައެވެ، އަޅުގަނޑުގެ ވާހަކަ “ވަކިވާން ޖެހުމުން”ގައި ވާފަދައިން އެ ޒުވާނާވެސް އެމިސްކިތުގައި ކުދިންނަށް އުނގަންނައިދެނީއެވެ. މިއީ އިއްތިފާގެއް ކަން ޔަގީނެވެ. ﷲގެ ކުޅަދުންވަންތަކަމުގެ މިހާ ރީތި ފުރިހަމަ އިއްތިފާގެއް ލެއްވިއަތީ ޝުކުރުވެރިވަމެވެ.}