ޝާހުރުކް ޚާން އަދި ޕްރީތީ ޒިންތާ ލީޑް ރޯލުތަކުގައި ފެނިގެންދިޔަ، ބޮލީވުޑްގެ މަޝްހޫރު ލޯބީގެ ފިލްމު، “ވީރު-ޒާރާ” މާދަމާއިން ފެށިގެން އަލުން ސިނަމާތަކުގައި ދައްކަން ފަށާނެ ކަމަށް ޔާޝް ރާޖް ފިލްމްސް ޕްރޮޑަކްޝަން ހައުސްއިން އިއުލާނުކޮށްފިއެވެ.
މި ފިލްމު ފުރަތަމަ ސިނަމާތަކުގައި ދެއްކީ 12 ނޮވެމްބަރ 2004 ގައެވެ. މިއީ ފިލްމު ރިލީޒްވިތާ 20 އަހަރު ފުރޭ ދުވަހެވެ. މި މުނާސަބަތުގައި، ބައިނަލްއަގުވާމީ ގޮތުން 600 ސްކްރީންގައި މި ފިލްމު އަލުން ދައްކާނެ ކަމަށް ޔާޝް ރާޖް ފިލްމްސްއިން ބުނެފައިވެއެވެ. މީގެ ތެރޭގައި ސައުދީ އަރަބިއްޔާ، އޮމާން އަދި ގަތަރުގައި ފުރަތަމަ ފަހަރަށް ދައްކާ ޕްރިމިއަތައްވެސް ހިމެނެއެވެ.
ވައިއާރްއެފްގެ ބައިނަލްއަގުވާމީ ޑިސްޓްރިބިއުޝަންގެ ވައިސް ޕްރެޒިޑެންޓް ނެލްސަން ޑި’ސޫޒާ ވިދާޅުވި ގޮތުގައި “ވީރު-ޒާރާ” އަކީ މުޅި ދުނިޔޭގައި ‘ކަލްޓް ފޮލޯވިން’ (ވަކި ކަމަކަށް ނުވަތަ މީހަކަށް ވަރަށް ބޮޑަށް ޝައުގު ވެރިވެފައިވާ) އެއް އޮތް ފިލްމެކެވެ. އަދި މި ފިލްމުގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މުޅި ދުނިޔޭގެ ފޭނުންނަށް މި މަގުބޫލު ލޯބީގެ ފިލްމު އަލުން ބަލައިލުމުގެ ފުރުސަތު ދިނުމަށްޓަކައި މި ފިލްމު އަލުން ދައްކަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔާޝް ޗޯޕްރާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އޭނާގެ ދަރިފުޅު އަދިތިޔާ ޗޯޕްރާއެވެ. މި ފިލްމަކީ އިންޑިއަން އެއާފޯސްގެ އޮފިސަރެއް ކަމުގައިވާ ވީރު ޕްރަތާޕް ސިންގާއި ޕާކިސްތާނު ސިޔާސީ މީހެއްގެ ދަރިއެއް ކަމުގައިވާ ޒާރާ ހަޔާތު ހާންގެ ވާހަކައެވެ. 24 ގަޑިއިރެއްގެ ބައްދަލުވުމަކަށްފަހު 22 އަހަރަށް ދެމީހުން ވަކިވެ، އެކަކު އޭނާގެ ލޯބި ބަދުނާމު ނުކުރުމަށް ޕާކިސްތާނު ޖަލުގައި ހިމޭންކަމާއެކު ހޭދަކުރަމުންދާއިރު އަނެކަކު އޭނާގެ ލޯބީގެ ހުވަފެން ސީދާ ކުރުމަށް މަސައްކަތް ކުރުމުގައި ދިގު 22 އަހަރު ވާ ފަހުން، ސާމިޔާ ވަކީލެއްގެ ގޮތުގައި އައިސް މިދެލޯބިވެރިން ބައްދަލުކޮށްދޭ ގޮތުގެ ވާހަކައެވެ.
“ވީރު-ޒާރާ” އަކީ 2004 ވަނަ އަހަރު އިންޑިއާގައި އަދި މުޅި ދުނިޔޭގައި އެންމެ ގިނަ އާމްދަނީ ލިބުނު އިންޑިއަން ފިލްމު ކަމަށް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. މި ފިލްމުގައި ޝާހުރުކް ޚާނާއި ޕްރީތީ ޒިންތާގެ އިތުރުން ރާނީ މުކަރްޖީ، އަމިތާބް ބައްޗަން، ހެމާ މާލިނީ، ދިވިޔާ ދައްތާ، ބޯމަން އިރާނީ، ކިރަން ކެރް، އަނުޕަމް ކެރް، މަނޯޖް ބާޖްޕާއީ، އަދި ޒޮހްރާ ސެހްގަލް ވެސް މުހިންމު ރޯލުތަކުން ފެނެއެވެ.
މި ފިލްމުގެ ލަވަތަކުގެ ތެރޭގައި “ތޭރޭ ލިޔޭ”، “މައިން ޔަހާން ހޫން”، “ދޯ ޕަލް”، “އާޔާ ތޭރޭ ދަރް ޕަރް ދީވާނާ”، އަދި “އައިސާ ދޭސް ހައި މޭރާ” އަކީ މިހާރުވެސް ހިތްތަކަށް އަސަރު ކުރުވާ، ޖަޒުބާތުތަކާ ކުޅެލާފަދަ ޖާދޫއެއް އެކުލެވިގެންވާ ލަވަތަކެވެ. ހާއްސަކޮށް މީގެ ތޭރޭލިޔޭ އާއޮ ދޯޕަލް ރުކާ ޚުވާބޯކާ ކާރްވާން އަކީ އެލަވަތަކުގެ އަޑު އިވުމުން ލޯބި އާލާވެގެންދާ ފަދަ މާޒީއަށް ފީނައިގަނެވޭފަދަ ލަވަތަކެވެ.
އެހެންކަމުން މިފަދަ ލޯބީގެ ފިލްމެއް ބޮޑުސްކްރީނުން 20 އަހަރުފަހުން ބަލާލެވުމުން 20 އަހަރުގެ ކުރީގެ ހަނދާންތައްވެސް އާލާވެގެން ދިރިގެންދާނެކަން ޔަގީނެވެ.

