އަރަބް-އިސްލާމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންެފިއެވެ.
ވަޒީރު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސައުދީ އަރަބިއްޔާގެ އިސްނެންގެވުމުގެ މަތިން ބޭއްވޭ އެކްސްޓްރާ އޯޑިނަރީ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓާއި އެ ސަމިޓަށް ތައްޔާރުވުމުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ރިޔާދަށް ވަޑައިގެންފައިވާ ކަމަށެވެ.
މި ބައްދަލުވުންތަކުގައި އިސްލާމީ އުއްމަތަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ޢަރަބި އަދި އިސްލާމީ ގައުމުތަކާއެކު މަޝްވަރާކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ޣައްޒާއަށް ކުރިމަތިވެފައިވާ، ހިތްދަތިކަން ފިލުވައިދީ އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ، އަނިޔާވެރި ހަނގުރާމައާއި ޖަރީމާގެ އަމަލުތައް މިހާރު ހުއްޓާލަން ޖެހޭ،” ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

