އައްޑޫސިޓީ ގައުކެނޑިން ފެނުނު 19 އަހަރުގެ ޒުވާނެއްގެ މަރާ ގުޅޭގޮތުން ސޯޝަލްމީޑިޔާގައި ފެތުރެމުންދާ، ބަޔަކު އެ ޒުވާނާ ގަސްދުގައި މަރާލިކަމަށް ބުނާ ވާހަކަތައް، ފުލުހުން ދޮގުކޮށްފި އެވެ.
ސ. މަރަދޫފޭދޫ ތައުސަންޑް ފްލަވަރުގެ އަޙްމަދު އާޔާން ފިކުރީގެ ހަށިގަނޑު ފެނުނީ އިއްޔެ ހަވީރު އައްޑޫސިޓީ ގައުކެނޑިންނެވެ.
“ސ. މަރަދޫފޭދޫ ތައުސަންޑް ފްލަވަރުގެ 19 އަހަރުގެ އަހުމަދު އާޔާން ފިކުރީ ވަނީ ފޭދޫ ލޯނާ ގޭންގުން މަރާލައި، އާޔަންގެ ހަށިގަނޑު އައްޑޫސިޓީ ބުރިޖާ ދިމާލުން ތަނަކަށް ދޫކޮށްލާފައިވާކަމަށް ބުނެ ސޯޝަލްމީޑިޔާގައި ދަނީ ވާހަކަ ފެތުރެމުންނެވެ. އަދި މިއީ އާޔަން 2020 ވަނަ އަހަރު މަރަދޫފޭދޫގައި ހިނގި ގޭންގު ހަމަނުޖެހުމެއްގައި ދިޔަ މާރާމާރީއެއްގެ މައްސަލައެއްގައި ސިއްރު ހެކިބަސް ދިނުމުން، އެގޭންގުން ކުރި ކަމެއްކަމަށްވެސް ބުނެފައިވެއެވެ. ހަމައެހެންމެ މަރުވެފައި އޮތް އާޔަންގެ ހަށިގަނޑުން އަނިޔާ ކޮށްފައިވާކަމުގެ ސާފު ނިޝާންތައް، އަތާއި މޫނުމަތިން ފެންނަން ހުރި ކަމަށްވެސް ސޯޝަލްމީޑިޔާ ޕޯސްޓުތަކުގައި ވެއެވެ. އެޕޯސްޓުތަކުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި އެ ޒުވާނާގެ ނަން ލޯނާ ގޭންގަށް ހާމަކޮށްދިނީ ފަނޑިޔާރެކެވެ.”
މިކަމާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން، މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަމަށާއި އެކަމާ ގުޅޭކަންކަން ބަލަމުންދާ ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެފަދަ އެއްވެސް މައްސަލަައެއްގެ ޝަރީއަތަށް ހެކިބަހަށް އެ ޒުވާނާ ހާޒިރުކުރި ކޮށްފައިނުވާ ކަމަށާއި އަދި އެެއްވެސް މައްސަލައެއްގައި ފުލުހުންގެ އިދާރާއަކަށްވެސް ހާޒިރުކޮށްފައިވާ މީހެއް ނޫންކަމަށާއި މި މަރާ ގުޅޭ ގޮތުން މިފަދަ ދޮގު ވާހަކަތައް ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
“މިއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކައެއް ނޫން. މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަނީ ބަލަމުން. ނިޔާވެފައިވާ މީހާއަކީ އެއްވެސް މައްސަލައެއްގައި ހެކިވެރިއެއްގެ ގެއްގެ ގޮތުގައި ގެނެސްފައިވާ މީހެއް ނޫން. އަދި ތުހުމަތު ކުރެވޭ މައްސަލައެއް އޮތް މީހެއްވެސް ނޫން. ނިޔާވެފައިވާ މީހަކާ ގުޅޭ ގޮތުން އެއްވެސް ހަގީގަތެއް ނެތި ދޮގު މައުލޫމާތު ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،” ފުލުހުން.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.

އަޔާން/ މަރަދޫފޭދޫ
{އެޑިޓަރުގެ ނޯޓު: ދުނިޔޭގެ ގިނަ ހާދިސާތަކުގެ ތަހުގީގުތަކުން ހާމަވެފައިވާ ގޮތުގައި އަދި ދިރާސާތަކުންވެސް ދައްކާގޮތުގައި، އަމިއްލަ ނަފުސަށް އަނިޔާދިނުމާއި އަމިއްލައަށް މަރުވުންފަދަ ކަންކަން ގިނަފަހަރު ދިމާވެފައިވަނީ ނަފުސާނީ ކޮންމެވެސް މައްސަލައެއް ހުރެ އެކަމުގެ ތެރެއިން ފަރުވާނުދެވިގެން ނުވަތަ އަޅާނުލެވިގެން ކަމަށްވެއެވެ. އެހެންކަމުން ތިމާއާ ގާތް އެއްވެސް މީހަކު ނަފުސާނީ ބަލިކަށިކަމެއްގައި އުޅޭކަން އެނގޭނަމަ އެމީހަކަށް ފަރުވާހޯދައިދިނުމަށް އަދި އަޅާލުމަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭށެވެ. ތިމާގެ ލޯބިވާ މީހަކު، އެފަދަ ހިތި ގޮތަކަށް ނިމިގެންދާކަށް އެއްވެސް އިންސާނަކު އަމުދުން މުސްލިމު އަޚަކު ނޭދޭނެކަން ޔަގީނެވެ.
އިސްލާމްދީނުގައި އަމިއްލަ ނަފުސަށް ގެއްލުން ދިނުން ހަރާމް ކުރައްވާފައިވާ އިރު، އަމިއްލައަށް މަރުވުމަކީ ބޮޑުފާފަތަކުގެ ތެރެއިންވާ ކަމެކެވެ. ކުފުރު ވުމެކެވެ.
ކީރިތި ޤުރްއާނުގެ ހަތަރު ވަނަ ސޫރަތުގެ 29 ވަނަ އާޔަތުގެ ބައެއްގައި، އަމިއްލަ ނަފްސުތައް ގަތުލު ނުކުރުމަށް ގޮވާލައްވައި، ﷲ ސުބުހާނަހޫ ވަތަޢާލާ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ،
“އަދި، ތިޔަބައި މީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުން ގަތުލު ނުކުރާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަހީމްވަންތަ ރަސްކަލާނގެ ކަމުގައި ﷲ ވޮޑިގެންވެއެވެ.” (ޤުރްއާން 4:29)
އަދި ހަމައެހެންމެ މުހައްމަދު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ބަސްފުޅުގެ މާނައިގައިވެއެވެ. “އިސްލާމްދީން ފިޔަވާ އެހެން ދީނަކަށް އަޅުކަން ކުރާ މީހާއާއި، ތިމާގެ ފުރާނަ އަމިއްލައަށް ދުއްވާލާ މީހާއަށް ލިބެންހުރީ އެއް އަޒާބެކެވެ. އެއީ ނަރަކައިގެ ވޭންދެނިވި އަލިފާންގަނޑެވެ. އަދި ފަހެ ތަޤްވާވެރިއަކާއި ދިމާލަށް ޙައްޤު ނޫން ބަހެއް ބުނެފިނަމަ، އެއީ އެމީހަކު ގަތުލު ކުރުމާއި އެއްފަދަ ކަމެކެވެ. އަދި ތަޤްވާވެރިއަކާއި ދިމާލަށް އެއީ ތަގުވާވެރިއެއް ނޫންކަމުގައި ބުނުމަކީ ވެސް އެތަޤްވާވެރިއަކު ގަތުލު ކޮށްލުމާއި އެއްފަދަ ވެގެންވާ ކަމެކެވެ.” (މުއްތަފަޤުންޢަލައިހި)}