ލ. ހުޅިމެންދޫގައި ފަސްތަރީގެ ރިސޯޓަކާއެކު ހޮޓެލް ސްކޫލެއް ގާއިމުކުރުމަށް، ގައުމީ ޔުނިވަރސިޓީއާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިހާތަނަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރަމުން އައި ލ. ހުޅިމެންދޫ، މިހާރު ތަރައްގީ ކުރަނީ ރާއްޖޭގެ ފުރަތަމަ ފަސްތަރީގެ ރިސޯޓަކަށެވެ. މި ރިސޯޓަކީ ޓޫރިސްޓުންނަށް ހިދުމަތް ދިނުމާއެކު، ދަރިވަރުންނަށް ކިޔަވައިދޭ ތަނަކަށް ވެސް ވާނެއެވެ.
ޔުނިވަރސިޓީގައި ބޭއްވުނު ރަސްމިއްޔާތުގައި މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމްއެވެ.
މިނިސްޓަރު ފައިސަލް ވިދާޅުވި ގޮތުގައި، މި ރަށުގައި ޓޫރިސްޓުންނަށް ހިދުމަތްދޭނީ ރިސޯޓުގައި ތަމްރީނު ހޯދާ ދަރިވަރުންނެވެ. އެކި ޑިޕާޓްމަންޓްތަކުގައި ދަރިވަރުން އަމަލީގޮތުން މަސައްކަތްކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން ކިޔެވުމާއެކު ދަރިވަރުންނަށް އަމަލީ ތަޖުރިބާގެ ފުރުސަތު ލިބިގެންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
“ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެތަކެއް އަހަރުތަކެއް ވެއްޖެ. އެކަމަކު އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީނުވުމުގެ ފުރުސަތުތަކެއް، މިހާތަނަށް ސަރުކާރަކުން ފަހިކޮށްދީފައެއް ނުވޭ. އެކަމަކު މިއަދުގެ ސަރުކާރުން އެކަން ފަހިކޮށްދޭނެ،” މިނިސްޓަރު ވިދާޅުވިއެވެ.
ޑރ. ޝެހެނާޒް ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާނީ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް، ރަށުގެ ގުދުރަތީ މާހައުލުގެ ރައްކާތެރިކަމަށް އިސްކަންދީގެން ކަމަށް އޭނާ ވިދާޅުވިއެވެ.
“އަމާޒަކީ ބައިނަލްއަގުވާމީ ފެންވަރުގެ ތައުލީމީ މަރުކަޒަކަށް މިތަން ހެދުން. ފަތުރުވެރިކަމުގެ ދާއިރާގެ ހާއްސަ ދިރާސާތައް ވެސް މަރުކަޒުގައި ކުރިއަށް ގެންދާނެ،” ޑރ. ޝެހެނާޒް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ސަބަބުން ގިނަ ވަޒީފާތަކެއް އުފެދި، ފަތުރުވެރިކަމުގެ ދާއިރާގެ އަމަލީ ތަޖުރިބާއާއި ޒަމާނީ ހުނަރުތައް ތަރައްގީ ވެގެންދާނެ ކަމަށްވެސް ޑރ. ޝެހެނާޒް ފާހަގަކުރެއްވިއެވެ.
މިހާރު ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުންކުރަމުންދާ ލ. ހުޅިމެންދޫއަކީ ލ. މާމެންދޫ ކައިރީގައި އޮންނަ ރަށެކެވެ. މި ރަށް ފަސްތަރީގެ ރިސޯޓަކަށް ބަދަލުވުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ބާބެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫއަކީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް ގެންގުޅޭ ވިސްނުމުގެ މުހިންމު ބައެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިިވެއެވެ.
ސާބަސްދިވެހިސަރުކާރަށް ވަކިންޚާއްސަކޮށް ރައީސް މުއިޒު އާއި މިނިސްޓަރ ފައިސަލް އަށް