ރާއްޖޭގައި ގާާއިމުކުރަން ނިންމާފައިވާ ބައިނަލްއަގުވާމީ މާލީ މަރުކަޒަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގަތަރު ފައިނޭންޝަލް ސެންޓަރުން ނިންމައިފިއެވެ. މިކަމާ ގުޅިގެން އިގުތިސާދީ ތަރައްގީއާއި ގަތަރު ފައިނޭންޝަލް ސެންޓަރާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އިގުތިސާދީ ތަރައްގީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ މަރުކަޒެއް ޤާއިމުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ކެޕޭސިޓީ ބިނާކުރުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ފައިނޭންޝަލް މެނޭޖްމަންޓާ ގުޅޭ ކަންކަން ކުރަމުން އަންނަ ގޮތާއި، މިކަމާ ބެހޭ ޤާނޫނީ އޮނިގަނޑާއި އޮޕަރޭޝަނަލް ސްޓްރެޓަޖީތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
ްްއިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި ކިއުއެފްސީގެ ފަރާތުން މިކަމުގައި ބޮޑު އެހީތެރިކަމެއް ލިބޭނެކަމުގެ ޔަޤީންކަން އޮތްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ބައެއްގެ ގޮތުން، މާލެ އަތޮޅު ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު އެހެންތަނަކަށް ބަދަލުކޮށް، އެރަށުގައި އިގުތިސާދީ ހާއްސަ ސަރަހައްދެއް ތަރައްގީކޮށް ބައިނަލްއަގުވާމީ މާލީ މަރުކަޒެއް ގާއިމު ކުރުމަށް ވަނީ ނިންމާފައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ކުރީކޮޅު ވަނީ އިއުލާންކުރައްވާފައެވެ.
ސަރުކާރުގެ މި މަޝްރޫއުގެ ދަށުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ ތެރެއިން ފުނަދޫގައި ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ހިމެނޭހެން ސްޕެޝަލް އިކޮނޮމް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އަދި މި މަޝްރޫއުގެ ދަށުން މާލެ-ފުނަދޫ-ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ބްރިޖުތަކެއް އެޅުމަށްވެސް ރޭވިފައިވާކަން ފާހަގަކކުރާކަން ފާހަގަކޮށްލެވެއެވެ.