ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފަހު އަހަރުތެރޭގައި އެކަނި ވެސް ބޮޑެތި ކުށްތަކުގައި ޖަލުގައި ތިބި 400 އަށްވުރެ ގިނަ މީހުން ދޫކޮށްލާފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ރޭ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ”ހަފުތާ 25” ގެ ނަމުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދިން ޚާއްސަ ޕެނަލްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ބެލި ބެލުމުގައި މިދިޔަ ސަރުކާރުން ބައެއް ދާއިރާތަކުން ވަރަށް ބޮޑެތި އިހުމާލުވެފައި އެބަހުރި ކަމަށެވެ.
މިސާލަކަށް ދަންނަވަނީނަމަ 2023 ވަނަ އަހަރު އެކަނި 434 ކުށްވެރިން އެކި ގޮތްގޮތުން އެކި ނަންނަމުގަ މުޖުތަމައުގެ ތެރެއަށް ދޫކޮށްފައިވޭ.
އޭގެތެރެއިން 330 މީހުންނަކީ ޑްރަގް މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން ކަމަށާއި، 26 މީހުންނަކީ
ވަޔަލެންޓް ކްރައިމްސް ކުށްތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން ކަމަށާއި، 19 މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ފަރާތްތަކާ ހެދި މުޅި މުޖުތަމައު މި އޮތީ އަޅުގަނޑުމެންނާ ހަވާލުވިއިރުގަ މި ދާއިރާތަކުން އެތައް ގުނައަކުން ބޮއްސުންލާފަ.
މިނިސްޓަރު ވިދާޅުވީ ކުރިން ހައްޔަރުކޮށްފައި ތިބި ގިނަ އަދަދެއްގެ މީހުން އެގޮތަށް ދޫކޮށްލުމުން ގޭންގްތަކުގެ މައްސަލައާއި ޑްރަގް މައްސަލަތައް ހައްލުކުރަން އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.