ތައުލީމީ ދާއިރާއަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މިދިޔަ ސަރުކާރުން ޕްރިންސިޕަލުންނާއި، ޓީޗަރުންނަށް އަނިޔާވެރިވެފައިވުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު ރޭ ވިދާޅުވެއްޖެއެވެ.
”ހަފުތާ 25” ގެ ނަމުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދިން ޚާއްސަ ޕެނަލްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ސަރުކާރުން ޕްރިންސިޕަލުންނާއި، ޓީޗަރުންނަށް އަނިޔާވެރިވެފައިވާ ކަމަށާއި، އެގޮތުން ސާޅީހަކަށް ސްކޫލުގެ ޕްރިންސިޕަލުން، އެ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދެވި ތަން ނޫން އެހެން ތަންތަނަށް ފޮނުވައިލި ކަމަށެވެ.
މީގެއިތުރުން އެކިއެކި ގޮތްގޮތުން މިނިސްޓްރީއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެކަށީގެންވާ ހެއްކެއް ގަރީނާއެއް ނެތި 300 އެއްހައި ޓީޗަރުންނަށް އިންޒާރުދީ، ބިރުދައްކާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ތައުލީމީ ނިޒާމުގައި އެންމެ މުހިންމު ބަޔަކީ ޓީޗަރުން ކަމަށާއި، އެ މީހުންނަކީ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދީ، ގައުމު ބިނާކުރުމުގެ ބުރަ މަސައްކަތް ކުރާ ފަރާތް ކަމަށާއި، ބިރުވެރިކަމެއްގެ ތެރޭގައި ތިބެގެން މި ބޮޑު ޒިންމާ އަދާނުކުރެވޭނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުން އެންމެ ފުރަތަމަ ވެސް ރައީސުލްޖުމޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިރުޝާދު ދެއްވީ މުވައްޒަފުންގެ ކަންތައްތައް އަދުލުވެރިކަމާއެކީ ކުރިއަށްގެންދިއުމަށް ކަމަށާއި، އެގޮތުން މިދިޔަ ސަރުކާރުގައި އަނިޔާ ލިބުނު 40 ޕްރިންސިޕަލުންނަށް އިންސާފު ހޯދައިދީފައިވާ ކަމަށް ޑރ. ޝަފީޢު ވިދާޅުވިއެވެ.