ފަތުރުވެރިކަމުގެ ވުޒާރާއިން މާދަމާ ހުޅުމާލޭ ފޭސް އެކެއްގައި “ފަތުރުވެރި އާއިލީ ހަވީރު”ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
މި ހަވީރަކީ ހަފްތާ 52 ގެ މުނާސަބަތާއެކު ވޭތުވެދިޔަ އެއް އަހަރުތެރޭ ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާސިލު ކޮށްފައިވާ ކާމިޔާބީތައް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ އާއިލީ ހަވީރެކެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އާއިލީ ހަވީރުގެ ހަރަކާތްތައް އިންތިޒާމު ކޮށްފައިވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަމާޒުކޮށެވެ. ހާއްސަކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ ހަރަކާތްތަކެއްކަން “ފަތުރުވެރި އާއިލީ ހަވީރު،” މި ޝިއާރު ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ. މިގޮތުން، ކަނޑުތައް ސަލާމަތްކުރުމާއި، ތިމާވެއްޓަށް ކުރާ އަސަރު ކުޑަކުރުމާއި، އެއްފަހަރު ބޭނުންކޮށްލާ ޕްލާސްޓިކް މަދުކުރުމާއި، ފަތުރުވެރިކަމުގެ މުސްތަގުބަލަށްޓަކައި ކަނޑުތައް ރައްކާތެރިކުރުމުގެ މުހިންމުކަން އަންގައިދޭ ހަރަކާތްތައް ހިމެނެއެވެ.
މި ހަވީރުގައި ހިމެނޭ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ ގިނަ ހަރަކާތްތަކެއް ހިމެނޭ ކަން ފާހަގަކުރެވެއެވެ. އަދި އެހެނިހެން އާންމު ދުވަސްދުވަހު އަގު ދީގެން ބައިވެރިވެވޭ މޫދުކުޅިވަރުތައް ވެސް މާދަމާގެ އާއިލީ ހަވީރުގައި ހިމަނާފައިވެއެވެ.
ކުޑަކުދިންގެ އާޓް ހަރަކާތްތަކާއި، ކްރާފްޓް ހަރަކާތްތަކާއި، އެއްފަހަރު ބޭނުންކޮށްލާ ޕްލާސްޓިކާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކާއި، ބަނާނާ ބޯޑާއި ޖެޓްސްކީ އަދި ފަން ޓިއުބް ފަދަ ކަނޑުގެ ކުޅިވަރުތަކާއި، ސްނޭކް އެންޑް ލެޑަރ އަދި ވަރޑް ޕަޒަލް ފަދަ ކުޅިވަރުތައް ހިމެނެއެވެ. މީގެ އިތުރުން ބައިވެރިވާ ފަރާތްތަކަށް ހަނދާނީ ހަދިޔާތަކެއްވެސް ދެވޭނެއެވެ.
މި އާއިލީ ހަވީރު އޮންނާނީ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭ ފޭސް 1 ގައި ދިރާގު އެންޓެނާއާ ދިމާ ބީޗް ސަރަހައްދުގައެވެ. މި ހަވީރަކީ ދިވެހި ޢާއިލާތަކަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ އިތުރުން ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މުހިންމުކަން ދަސްކޮށްދިނުމުގެ ފުރުސަތެއްކަމަށް ފަތުރުވެރިކަމުގެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

