ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް ވެސް މުހިންމު ނިއުމަތެއް ކަމަށާއި އެކަމަކީ އިންސާނާގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެ ކަމަނާ މިހެން ވިދާޅުވީ 2024 ވަނަ އަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފްލާގައި އެ ކަމަނާ ދެއްކެވި ވާހަކަފުޅުގައި، ފަގީރު ގައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ އުނިވެ، ތަރައްގީ ވަމުންދާ ގައުމުތަކުގެ ލިސްޓުގައި ހިމެނި، ދިވެހީންގެ ހާލަތަށް އައި ބަދަލާއެކު، ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ބަލިތައް އާންމުވާން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ކުރީން ދިވެހީންގެތެރޭގައި އާންމުވެފައިވާ ގައިންގަޔަށް އަރާ ބަލިތަކުގެ ބަދަލުގައި، ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންހުރި ކެންސަރާއި، ހަކުރުބައްޔާއި، ހިތުގެ ބަލިތައްފަދަ ގައިންގަޔަށް ނާރާބަލިތައް އާންމުވާން ފަށާފައިވާކަން އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. މި ހަފްލާގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ހަކުރު ބައްޔަކީ ގައިންގަޔަށް ފެތުރޭ ބައްޔެއް ނޫން ނަމަވެސް އެ ބައްޔަކީ ވާރުތަކުރާ ބައްޔެއް ކަމުގައި ވިދާޅުވިއެވެ. އަދި ދިރިއުޅުމުގެ އާދަތައް އިސްލާހު ކުރުމުން އެ ބަލީގެ ނުރައްކާ ކުޑަކުރެވޭނެ ކަމަށާއި ދިރިއުޅުމާއި ކެއިންބުއިމުގެ އާދަތައް ބެހެއްޓޭ ގޮތުގެ ސަބަބުން ބަލި ޖެހުމާއި ބަލީގެ ގެއްލުން ބޮޑުވުން ބިނާވެފައިވާކަން އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ފަގީރު ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ އޮތްއިރު ދިވެހީންނަކީ ހަރަކާތްތެރިކަން ބޮޑު، ކެއުން މަދު އަދި ޞިއްޙަތާ ގުޅޭ ކާނާ ކައިބޮއި އުޅުނު ބައެއް ކަމަށާއި، އެހެންނަމަވެސް މިހާރު ދިވެހީންގެ ކެއިންބުއިމަށް ބޭނުންކުރާ ތަކެއްޗާއި އާދަކާދައިގެ އިތުރުން، ތިޔާގިކަމުގެ ސަބަބުން ކެވޭ މިންވަރުވެސް ތަފާތުވެ އަދި ހަރަކާތްތެރިވެ އުޅޭ ނިސްބަތް ވެސް ތަފާތު ވެފައިވާކަން އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބަދަލުތަކަކީ ހަކުރު ބައްޔަށް މަގުފަހިވާ ކަންކަމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.
މިއަދުގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ “ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް” އިފްތިތާހު ކޮށްދެއްވާފައެވެ. މި ޕްރޮގްރާމުގެ ބޭނުމަކީ ދެމެހެއްޓެނިވި ބަދަލެއް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެސްގެން ހަކުރުބައްޔާއި ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރެވޭ މިންވަރު ދެނެގަތުމެވެ. މި ޕްރޮގްރާމުގެ ދަށުން ދިއްގަރުގެ 16 އަހަރުން މަތީގެ އާބާދީއަށް އަމާޒުކޮށް ސްކްރީން ކުރެވި، ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ލަފާކުރެވޭ އާބާދީއަށް އަމާޒުކޮށް، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެނެވޭ ބަދަލުގެ ސަބަބުން އެ މީހުންގެ ސިއްހީ ހާލަތަށް އަންނަ ބަދަލު ވަޒަންކުރެވޭނެއެވެ. މި ޕްރޮގްރާމް ހިންގުމަށްޓަކައި ދިއްގަރުން ހޮވާލެވުނު 10 ފަރާތަކަށް ލައިފްސްޓައިލް ކޯޗުންގެ ގޮތުގައި މިހާރު ވަނީ ތަމްރީނު ދެވިފައެވެ.
މިއަހަރުގެ ހަކުރު ބަލީގެ ދުވަހަށް އިންޓަނޭޝަނަލް ޑައިބިޓީސް ފެޑެރޭރަޝަނުން ކަނޑައަޅުއްވާފައިވާ ޝިއާރު ކަމަށްވާ، “ހަކުރުބައްޔާއި ދުޅަހެޔޮކަން” މި ޝިއާރުގެ ދަށުން ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް އިސްކަންދެވޭނެއެވެ.