ގދ އަތޮޅު ކައުންސިލް ވޮލީ ޓޯނަމެންޓް 2024 މިހާތަނަށް ފިރިހެނުންނާއި އަންހެނުންގެ 8 ޓީމު ބައިވެރިވެއްޖެއެވެ.
މި މުބާރާތް ބޭއްވުމަށް އަތޮޅު ކައުންސިލުން ހުޅުވާލުމުން މުބާރާތް އިންތިޒާމްކޮށް ރާވައި ހިންގުމުގެ މި ބިޑް ކާމިޔާބު ކުރެއްވީ ފިޔޯރީގައި ހަރަކާތްތެރިވާ ކާމިޔާބު ޖަމިއްޔާއެއް ކަމުގައިވާ ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަމެންޓް ( ފޭސް ) އެވެ.
މުބާރާތް އިންތިޒާމްކުރާ ފޭސް ޖަމިއްޔާއިން ހުވަދޫއަށް މައުލޫމާތުދިން ގޮތުގައި މި މުބާރާތް ކުރިއަށްދާނީ ދެ ޑިވިޜަނަކަށް ބަހާލައިގެންނެވެ.
ފިރިހެނުންގެ ބައިގައި ބައިވެރިވާ 4 ޓީމުގެ ތެރޭގައި އެންމެ ފަހުގެ އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ޗެމްޕިއަން ފަރެސް މާތޮޑާ އާއި ރަނަރަޕް ފިޔޯރީ އަދި ރަތަފަންދޫ ވާދޫގެ ވޮލީ ޓީމު ހިމެނެއެވެ. އަންހެނުންގެ ބައިގައިވެސް 4 ޓީމު ބައިވެރިވާއިރު، އޭގެ ތެރޭގައި އެންމެ ފަހުގެ އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެނުންގެ ބައިގެ ޗެމްޕިއަން ފިޔޯރީ ވާދޫ އަދި ހޯޑެއްދޫ ނަޑެއްލާގެ އަންހެނުންގެ ވޮލީ ޓީމު ހިމެނެއެވެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ނޮވެމްބަރު 20 ވަނަ ދުވަހުގެ 23:59. ގުރުއަތުލުމުގެ ކުރިން ލިސްޓަށް ބަދަލު ގެނެވޭނެ ކަމަށް ވަނީ ބުނެފައެވެ.

ގދ ފިޔޯރީ ކައުންސިލުން ތަރައްގީ ކުރަމުންދާ ވޮލީކޯޓު/ފޮޓޯ: ފިޔޯރީ ކައުންސިލް
ގުރުއަތުލުން އޮންނާނީ 2024 ނޮވެމްބަރު 30 ވަނަ ދުވަހުއެވެ. މި މުބާރާތަކީ އަތޮޅުގެ ވޮލީބޯޅަ ކުޅުންތެރިންނަށް ވަރަށް މުހިންމު މުބާރާތެއް ކަމަށް ބެލެވޭއިރު މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު އިތުރުވަމުން އައުމާއެކު، މުބާރާތުގެ ވާދަވެރިކަން އިތުރުވެ، ފެންވަރު މަތިވާނެ ކަމަށް އުންމީދު ކުރާކަމަށް ގދ އަތޮޅު ކައުންސިލުން ބުނެފައިވެއެވެ. އަދި މި މުބާރާތަކީ ރާއްޖޭގެ މޮޅެތި ވޮލީ ކުޅުންތެރިންގެ ކުޅުން ފެނިގެން ދާ މުބާރާތެކެވެ. އެންމެ ފަހުން ބޭއްވުނު މުބާރާތުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ވޮލީ ކުޅުންތެރިޔާ ލޯންގޭގެ އިތުރުން ގައުމީ ޓީމްގެ ކުޅުންތެރިޔާ އާދަމް ނަސީމް، މިނޫންވެސް އެހެން ކުޅުންތެރިން ކުޅެފައިވެއެވެ.
ފިޔޯރީއަކީ ހުވަދު އަތޮޅުންވެސް ވޮލީގައި އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. ވޮޅީބޯޅަ ކުރިއެރުވުމަށްޓަކައި އެރަށު ކައުންސިލުން މިހާރު ވަނީ ގައުމީ ފެންވަރުގެ ވޮލީބޯޅަ ކޯޓެއްވެސް ތަރައްގީ ކޮށްފައެވެ. މި ވޮލީބޯޅަ ކޯޓަކީ މިވަގުުތު ދެކުނުގައި ގާއިމްކުރެވިފައިވާ އެންމެ ފުރިހަމަ ކޯޓެވެ.
އަތޮޅު ކައުންސިލުން މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ އަތޮޅުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، އެކުވެރިކަން ބަދަހި ކުރުމެވެ.