ރާއްޖެއާއި އަޒަރްބައިޖާނާ ދެމެދު މުހިންމު ދެ އެއްބަސްވުމެއްގައި މިއަދު ސޮޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަޒަރްބައިޖާންގެ ބާކޫގައި ކުރިއަށްދާ ކޮޮޕް 29 ސަމިޓުގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި ސޮއިކޮށްފައިވަނީ ރާއްޖޭގެ ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓު ބޭނުންކުރާ ފަރާތްތަކަށް ވިސާއާ ނުލައި އަޒަރްބައިޖާނަށް އެތެރެވުމާއި، ޓްރާންސިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ލިބޭ އެއްބަސްވުމަކާއި، ދެ ގައުމަށް ފައިދާވާނެ ގޮތަށް ޓޫރިޒަމް ފުޅާކުރުމުގެ އެއްބަސްވުމެއްގައި ކަމަށެވެ.
މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި އަޒަރުބައިޖާންގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޖޭހޫން ބައިރަމޯލް އެވެ.
މިނިސްޓްރީން ބުނީ ފުރަތަމަ އެއްބަސްވުމަކީ ހުރިހާ ދިވެހިންނަށް ވިސާއަކާ ނުލައި ދަތުރުކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.
ދެވަނަ އެއްބަސްވުމުގެ ދަށުން އިގުތިސާދީ، ސަގާފީ އަދި އިޖުތިމާއީ ގޮތުން ދެ ގައުމަށް ވެސް ފައިދާވާނެ ގޮތަށް ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.