ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ކުރާ މަސައްކަތްތަކުގައި މި ސަރުކާރުގެ ސިޔާސަތަކީ އެންމެ ނިކަމެތި މީހާއަށްވެސް ބޭސްފަރުވާގެ ހިދުމަތް އެންމެ އެދެވޭ ގޮތުގައި ލިބޭކަން ކަށަވަރު ކުރުންކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ހުޅުމާލެ ހޮސްޕިޓަލު ޓަރޝަރީ ފެންވަރަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ކޮންމެ އަހަރެއްގެ ބަޖެޓުން އާސަންދައަށް ކަނޑައަޅާފައި އޮންނަ މިންވަރަށްވުރެ އިތުރަށް ޚަރަދުކުރަންޖެހުމަކީ އިގުތިސާދަށް އެކަމުގެ ބުރަ ބޮޑުވާ ކަމެއްކަމަށެވެ.
“އާސަންދަ ނިޒާމު ބޭނުން ކުރަމުން އަންނަތާ 15 ވަރަކަށް އަހަރުވިނަމަވެސް އެއްވެސް އަހަރަކު އާސަންދައަށް ކަނޑައަޅާފައިވާ އަދަދުން ހަރަދުތައް ހަމަނުޖެއްސޭ,” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި އާސަންދައިން ކޮށްފައިވާ ހަރަދުތަކުގެ ތެރެއިން 60 އިންސައްތަ ހަރަދުކޮށްފައިވަނީ ހަމައެކަނި ބޭސް ވިއްކުމަށެވެ ނަމަވެސް ބޭހުގެ އަގުތައް ދުނިޔޭގެ ނިސްބަތުން އަޅާބަލާއިރު ބޮޑުކަމަށާއި މިކަން މިހެންވެފައިއޮތީ އާސަންދަ ނިޒާމުގައި ބަލަންޖެހޭ ކަންކަން ނުބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނެތުމުގެ ސަބަބުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާއެކު ސިއްޙީ ދާއިރާގެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބަލިވެގެން ޑޮކްޓަރަށް ދެއްކުމުގެ ކުރިން ދުޅަހެޔޮ އާބާދީއެއް ބިނާކުރުން މުހިންމުކަން ފާހަގަކުރައްވައި، ޕަބްލިކް ހެލްތް ޕްރިވެންޝަންގެ ޕްރޮގްރާމެއް މިހާރު 7 އަތޮޅުގައި ފަށާފައިވާކަމަށާއި އަންނަ އަހަރު މުޅި ރާއްޖެއަށް މި ޕްރޮގްރާމް ފުޅާކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.