ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދައުލަތުގެ ޚާއްޞަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ޢާއިލާތައް ދެނެގަތުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށާފައިވާ “ހާލު ކިހިނެއް” ޕްރޮގްރާމްގެ ދަށުން ދެވަނަ ހުޅުމާލެ ދެވަނަ ފިޔަވައްސާއި، އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތައް ހުރި ރަށްރަށުގެ ގޭގެއަށް ޒިޔާރަތް ކުރުން 30 މެއި ގައި ވަނީ ފަށައިފައެވެ.
އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ ކަމަށެވެ. އަދި އެއް އަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުރިހާ ގޭބީސީއަކަށް ޒިޔާރަތް ކުރުމަށް ވަނީ ނިންމާފަ ކަމަށާއި، މިހާ ތަނަށް ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން 8027 ގޭބީސީއަށް ވަނީ ޒިޔާރަތް ކުރެވިފަ ކަމަށެވެ.
އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ ނުވަތަ އެދޭކަމެކީ އެކަށީގެންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމުގެ ކަންބޮޑުވުންކަން އެ ޒިޔާރަތްތަކުން ފާހަގަކުރެވިފައިވާ ކަމަށެވެ. މި ޕްރޮގްރާމުގެ ތެރެއިން ކުރެވުނު ޒިޔާރަތްތަކުން ޢާއިލާތަކުން ހުށަހެޅި ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ޢާއިލާތަކުން ހުށައެޅި 407 މައްސަލަ ވަނީ ހައްލުކޮށްދެވިފައި ކަމަށްވެސް ބުނެފައި ވެއެވެ.
އެ ޕްރޮގްރާމުގެ ތެރެއިން ކުރެވުނު ޒިޔާރަތްތަކުން މާލީ ފުދުންތެރިކަން ދަށްވުމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވާ 13 ޢާއިލާއެއް ވަނީ ދެނެގަނެވިފައި ކަމަށް ބުނެފައި ވެއެވެ. އަދި ހަމައެއާއެކު، އެ ޕްރޮގްރާމުގެ ތެރެއިން އެ ހުރިހާ ފަރާތްތަކަށް ވެސް މަހުން މަހަށް ފޯރުކޮށްދޭ ޒަރޫރީ ސާމާނު ހިމެނޭ “ކެއާ ޕެކޭޖްތައް” ދަނީ ފޯރުކޮށްދެވެމުން ކަމަށް އެ ވުޒާރާއިން ބުނެއެވެ.

