މިދިޔަ އޮކްޓޫބަރު މަހު ޒަކާތު ފަންޑުން ބޭސްފަރުވާ ކުރުމަށް 5 ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ހާމަކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، އޮކްޓޫބަރު މަހު ޖުމުލަ 124 މީހަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. މައިގަނޑު ގޮތެއްގައި އެހީ ދީފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ކުރުމަށާއި، ހިތުގެ އޮޕަރޭޝަން ކުރުމަށާއި، ކިޑްނީ ބަލިތަކަށާއި، ސިކުނޑީގެ އޮޕަރޭޝަންތަކުގެ އިތުރުން ޓްރާންސްޕްލާންޓް ހެދުމަށެވެ.
އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ކެންސަރަށް ފަރުވާ ހޯދާ މީހުންނަށް ކަމަށްވާއިރު، އެކަމަށް 348,037 ރުފިޔާ ހަރަދުކޮށްފައިވެއެވެ. މީގެއިތުރުން، ކިޑްނީ ބަލިތަކަށް 80,569 ރުފިޔާ، ސިކުނޑީގެ އޮޕަރޭޝަންތަކަށް 33,924 ރުފިޔާ، ހިތުގެ އޮޕަރޭޝަން ކުރުމަށް 33,924 ރުފިޔާ އަދި ޓްރާންސްޕްލާންޓް ހެދުމަށް 25,443 ރުފިޔާ ހަރަދު ކޮށްފައިވެއެވެ. އެހެނިހެން ބަލިތަކަށް 470,696 ރުފިޔާ ހަރަދު ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.
މިދިޔަ މަހު ޒަކާތު ފަންޑުން ޖުމްލަ 529,702 ރުފިޔާ ހަރަދު ކޮށްފައިވާއިރު، އެމަހުގެ ތެރޭގައި އެހީގެ ގޮތުގައި ދިނުމަށް ނިންމާފައި ވަނީ ޖުމްލަ 992,594 ރުފިޔާއެވެ.
މީގެއިތުރުން، ޒަކާތުގެ މަސައްކަތް ކުރާ މުވައްޒަފުންގެ އުޖޫރައިގެގޮތުގައި 252,722.24 ރުފިޔާ ހަރަދު ކޮށްފައިވާއިރު، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް 92,363 ރުފިޔާ ކަނޑައަޅާފައިވާކަން ފާހަގަ ކުރެވެއެވެ.
މީގެ ކުރިން ފިޠުރު ޒަކާތް ނެގުމާއި ޒަކާތް ބެހުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރައްވަމުން ގެންދެވި ނަމަވެސް މިހާރު އެމަސައްކަތް ކުރަމުން އަންނަނީ އެކަމަށް ހާއްސަކޮށް އުފައްދަވާފައިވާ މޯލްޑިވްސް ޒަކާތު ހައުސްއިންނެވެ. މޯލްޑިވްސް ޒަކާތު ހައުސްއަކީ މިއަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި އިފްތިތާހު ކުރައްވާފައިވާ އިދާރާއެކެވެ. މިހާރު ޒަކާތާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަނީ މި އިދާރާއިންނެވެ.

