ދިވެހިރާއްޖޭގެ ބީޗް ހޭންޑްބޯލް ގައުމީ ޓީމެއް އެކުލަވާލުމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށި ސިޓީއަށްވުރެ ވަކި ރަނގަޅު އެހެން ތަނެއް މިވަގުތު ނެތް ކަމަށާއި، ހޭންޑްބޯލް އެސޯސިއޭޝަންގެ ނިންމުމަކީ ވަރަށް ވެސް ފުރިހަމަ ނިންމުމެއް ކަމަށް ކުޅުދުށްފުށި ސިޓީގެ މޭޔަރު އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ.
މޭޔަރު އާތިފް މިހެން ވިދާޅުވީ ހޭންޑްބޯލް އެސޯސިއޭޝަންގެ މި ނިންމުމަކީ ރާއްޖޭގައި ބީޗް ހޭންޑްބޯލް ކުޅެމުން އަންނަ ގިނަ ކުޅުންތެރިންނަށް ލިބުނު މާޔޫސްކަމެއް ކަމަށް ބުނެ ލިޔެފައިވާ ޚަބަރުތަކަކާ ގުޅިގެންނެވެ.
އެގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވަނީ ރާއްޖޭގެ ބީޗް ހޭންޑްބޯލް ގައުމީ ޓީމެއް އެކުލަވާލުމުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ކުޅުދުއްފުށި ސިޓީއަށްވުރެ ވަކި ރަނގަޅު އެހެން ތަނެއް މިވަގުތު ނެތްކަމުގެ
ސަބަބުތައް ފާހަގަކުރައްވާފައެވެ.
އޭގެ އެއް ސަބަބަކީ ބީޗް ހޭންޑްބޯލް ކޯޗިން ކޭމްޕެއް ބައިނަލްއަގްވާމީ ކޯޗުންނާއެކު ކުރިއަށްގެންގޮސް ޓްރެއިނިން ލިބިފައި ތިބި ރާއްޖޭގެ ނިސްބަތުން މި ކުޅިވަރަށް މޮޅެތި ކުޅުންތެރިން ކުޅުދުއްފުށީގައި ގިނަވުންކަން އާތިފް ފާހަގަކުރެއްވިއެވެ.

ބީޗް ހޭންޑްބޯލް ކުޅެން އެކަށީގެންވާ ރަނގަޅު ކޯޓެއް ކުޅުދުއްފުށީގައި އެބައޮތް.
މީގެއިތުރުން ދިވެހިރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބީޗް ހޭންޑްބޯލް މުބާރާތް ބާއްވާފައިވާ ރަށަކީ ކުޅުދުއްފުށި ކަމުގައިވުމާއި، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި މިއަހަރު ބޭއްވި ބީޗް ހޭންޑްބޯލް މުބާރާތް ރާއްޖޭގެ އެންމެ ޓޮޕްލެވެލް ކުޅުންތެރިން ތިބި ޓީމްތަކާއި ވާދަކޮށް ފަސޭހަކަމާއެކު ކުޅުދުއްފުށީ ޓީމް ކާމިޔާބުކުރުމަކީ ވެސް ސަބަބުތަކެއްގެ ގޮތުގައި އާތިފް ފާހަގަކުރެއްވިއެވެ.

ކުޅުދުށްފުށި ސިޓީގައި ބޭއްވި ބީޗް ހޭންޑްބޯލް މުބާރާތެއްގެ ތެރެއިން.
އާތިފް ފާހަގަކުރެއްވި އިތުރު ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ބޭނުންވާ ކުޅުންތެރިންނަށް މާލޭގައި ހުރުމާއި ކެއުމަށް ހޭދަކުރަންޖެހޭ މިންވަރަށްވުރެ ކުޑަ ޚަރަދަކުން ކުޅުދުއްފުށީގައި އެކަންކަން ހަމަޖެހުމާއި، ބީޗް ހޭންޑްބޯލް ކުޅެން އެކަށީގެންވާ ރަނގަޅު ކޯޓެއް ކުޅުދުއްފުށީގައި އޮތުމާއި، ހޭންޑްބޯލް އެސޯސިއޭޝަންއަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމައަށް ލިބުން ހިމެނެއެވެ.
އާތިފް ވިދާޅުވީ ގައުމީ ޓީމުގެ ކޯޗުގެ ހުރުމާއި ކެއުމުގެ ޚަރަދު ސިޓީ ކައުންސިލުން ހަމަޖައްސަން މިހާރު ވާނީ ނިންމާފައި ކަމަށެވެ. އަދި ޕްރެކްޓިސްއަށް ކޯޓު ތައްޔާރުކުރުމުގައި ވެސް ސިޓީ ކައުންސިލްގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެ ކަމަށެވެ.
ހޭންޑްބޯލް އެސޯސިއޭޝަންގެ ނިންމުމަކީ ވަރަށް ވެސް ފުރިހަމަ ހިކުމަތްތެރި ނިންމުމެއް ކަމަށާއި، އަދި މި ކުޅިވަރުގެ ކޮމިއުނިޓީއަށް އެންމެ އިންސާފުވެރި ނިންމުންކަމަަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އާތިފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

