އެމްޑީޕީން މަސައްކަތްކުރަނީ ރައްޔިތުންނަށް ސާފުކޮށް ފެންނަން ހުރި ކަންކަންވެސް އޮޅުވާލަންކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ބުނެފިއެވެ. އަދި މިއީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ފަރާތުން ފެންނަންޖެހޭނެފަދަ އަމަލުތަކެއް ނޫންކަމަށްވެސް ޕީއެންސީން ފާހަގަކޮށްފައިވެއެވެ.
ޕީއެންސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ވަނީ ކޮންޓްރޯލު ކުރެވިފައެވެ. އެގޮތުން ފާއިތުވި 3 އަހަރު އެވަރެޖްކޮށް ކޮންމެ އަހަރަކު %15 އިން ދަޢުލަތުގެ ޚަރަދުތައް އިތުރުވަމުންދިޔަ ނަމަވެސް، ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ދަޢުލަތުގެ ޚަރަދުތައް އިތުރުވީ %2.5 ކަމަށެވެ. މީގެއިތުރުން ބަޖެޓު ޑެފިސިޓް ކޮންޓްރޯލްކުރެވި، މިއަހަރު ޖުމްލަ ބަޖެޓުގެ ޑެފިސިޓް 378 މިލިއަން ރުފިޔާއިން ކުޑަކުރެވި، %3.6 ދަށްވެފައިވާކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ޕީއެންސީން އިތުރަށް ފާހަގަކޮށްފައިވަނީ، ކުރީގެ ސަރުކާރުން ބޭރުގެ އެހީގައި ފެށި މަޝްރޫޢުތަކުގެ ޚަރަދުތައް ޤަވާއިދާ އެއްގޮތަށް ރެކޯޑްނުކުރުމުގެ ސަބަބުން ކުރިމަތިވި މައްސަލަތައް މިހާރުގެ ސަރުކާރުން ހައްލު ކުރަމުންދާ ކަމަށެވެ. އަދި ދައުލަތުގެ ޚަރަދާ ބެހޭ މަޢުލޫމާތު ހިއްސާނުކުރާކަމަށް އެމްޑީޕީން ބުނާ ބުނުމަކީވެސް ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގާ ގުޅޭގޮތުން، ޕީއެންސީގެ ބަޔާނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުނު ހުރިހާ އާރްޓީއައި ހުށަހެޅުންތަކަކަށް ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި ޖަވާބުދީފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރާ ހިލާފަށް، މިހާރުގެ ސަރުކާރުގެ ދަށުން ދައުލަތުގެ ކުންފުނިތަކުންވެސް އާރްޓީއައި ހުށަހެޅުންތަކަށް ޖަވާބުދެމުންދާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން މިހެން ބުނެ ބަޔާނެއް ނެރެފައި މިވަނީ ސަރުކާރާ ގުޅޭގޮތުން ހަގީގަތާާ ހިލާފު ވާހަކަތައް އެމްޑީޕީން ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.