ޖަލަށް މަސްތުވާތަކެއްޗާއި ފޯނުފަދަ މަނާ ސާމާނު ފޯރުކޮށްދިން ކަމަށް އިއުތިރާފުވި އޮފިސަރުން ދައުލަތުގެ ދައުވާއަށް އިންކާރު ކޮށްފި އެވެ.
މާފުށީ ޖަލުގައި ތިބޭ ކުށްވެރިންނަށް މަސްތުވާތަކެއްޗާއި ފޯނުފަދަ މަނާ ތަކެތި ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ތެރެއިން، ކުރިން އެ ކުށަށް އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުން ހެދި ތިން އޮފިސަރުން ވެސް މިހާރު ވަނީ ދައުލަތުގެ ދައުވާއަށް އިންކާރުކޮށްފައެވެ.
މި މައްސަލައިގައި ޖަލު އޮފިސަރުން ހައްޔަރުކުރެވުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ހިންގުނު އޮޕަރޭޝަނެއްގައެވެ. އޭރު ހައްޔަރުކުރެވުނު 13 އޮފިސަރުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ.
ދައުވާ ކުރެވުނު ފަސް މީހުންނަކީ ރ. އުނގޫފާރު/ އައިވަރީހައުސް، ޖިނާހް އަބްދުއްރަހީމް، ކ. މާފުށި/ ބީޗްހައުސް، އަލީ ހިޝާމް، ހދ. ނޭކުރެންދޫ/ ތަރާނާގެ، އަލީ ނާޒިމް، ގއ. ވިލިނގިލި/ ކުއްޅަވައްގެ، މުހައްމަދު ފަތޫހު ފަތުހުﷲ އަދި ނ. ލަންދޫ/ ކާމިނީގެ، އަލީ އަސްފާގެވެ.
ދައުލަތުން މި ފަސް މީހުންގެ މައްޗަށް ކޮށްފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ ދައުވާއެވެ. އަދި ޖިނާހު އަދި ޝަހީމުގެ މައްޗަށް މަނީ ލޯންޑަރިންގގެ ދައުވާ ވެސް ކޮށްފައިވެއެވެ.
ކުރިން ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުން ހަދާފައިވާ އަލީ ނާޒިމް، މުހައްމަދު ފަތޫހު ފަތުހުﷲ އަދި އަލީ އަސްފާގު ވަނީ މިހާރު ދައުވާއަށް އިންކާރުކޮށްފައެވެ. މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި މުހައްމަދު ފަތޫހު ފަތުހުﷲ ވެސް ދައުވާއަށް އިންކާރުކުރުމާއެކު، އިއުތިރާފުގެ އެއްބަސްވުމުގެ މުއާމަލާތް ވަނީ ކެނޑިފައެވެ.
މި މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަލުން ފަތުހޫގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމުގެ ފުރުސަތު ދައުލަތަށް ދެއްވާފައެވެ.