ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާ ވަޑައިގެންފިއެވެ.
ރައީސް ޑރ މުއިއްޒުގެ ދެކަނބަލުން ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅަކީ އަމިއްލަ ހަރަދުގައި ކުރައްވާ ދަތުރުފުޅެއްކަން ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި، ޢާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއްވެސް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ކަމަށެވެ.
ރައީސް ޑރ މުއިއްޒު ރޭ ފުރާވަޑައިގެންނެވި އިރު، އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެމްބަރަކު ޕާޓީއަކާއި ގުޅިއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފިއެވެ.