މާލެ އާއި ވިލިމާލެ މަގު އަލުން ހެދުމުގެ ސައިޓް އިންސްޕެކްޝަން އަދި ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ނިންމާލައިފިކަމަށް އިމާރާތްކުރުމާއި ބިނާވެށި ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން ސާވޭކުރުމަށް ޗައިނާގެ ޓީމެއް ރާއްޖެ އައީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އެ ޓީމުން މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ބަލައި، ސާވޭއަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ފެށީ މި މަހުގެ 5 ވަނަ ދުވަހުއެވެ. މި މަސައްކަތް މިއަދުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
އިމާރާތްކުރުމާއި ބިނާވެށި ބެހޭ ވުޒާރާއިން ވިދާޅުވީ، މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު، މުހިންމު ފަރާތްތަކާއެކު ސިލްސިލާކޮށް ބޭއްވި ބައްދަލުވުންތަކަށްފަހު، ޗައިނާ ސަރުކާރުން އެކުލަވާލި ތަޖުރިބާކާރުން މަގުމަތީގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި އެ ޓީމުން ވަނީ އެ ވުޒާރާގެ ޓެކްނިކަލް ޓީމާ އެކު މާލެ އާއި ވިލިމާލެ މަގުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ދެން އޮންނާނީ ޑިޒައިނިންގ މަރުހަލާއެވެ. ނަމަވެސް އެކަން ފެށޭނެ ތާރީޚެއް އަދި އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.
މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އެ ގައުމާ އެކު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމި 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.
މާލޭގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވށް ހަލާކުވެ އަޑިގުޑަންވެފައިވާއިރު، ވާރޭ ވެހިލާއިރަށް އެ މަގުތައް ވަރަށް ބޮޑަށް ފެންބޮޑުވެއެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި ޗައިނާއިން ޒަމާނީ ފެންވަރަށް މަގުތައް އަލުން މަރާމާތުކޮށް ނިމުމުން ފެންބޮޑުވުމުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.