- ސަޢޫދީ ޢަރަބިއްޔާގައި 1,007 މީޓަރު (3,303 ފޫޓު) ގެ އުސްމިނަކަށް އުފުލިގެންދާ ދުނިޔޭގެ އެންމެ އުސް އިމާރާތް ނިމޭނެ ތާރީޚެއް ކަމަށް ލަފާކުރެވެނީ 2028 ވަނަ އަހަރުއެވެ.
އަސްލު ނަމުންނަމަ ކިންގްޑަމް ޓަވަރު ނުވަތަ މައިލް-ހައި ޓަވަރުގެ (ފަހުން މި ނަން ބަދަލުކުރެވުނީ މޭލެއްގެ އުސްމިނުގެ އިމާރާތެއް ބިނާ ނުކުރެވޭނެކަން އެނގުމުން) ނަމުން މަޝްހޫރުވެފައިވާ މި އުސް އިމާރާތް، ފަހުން ޖިއްދާ ޓަވަރު ގެ ނަމަށް ބަދަލުކުރެވުނެވެ. އަދި މިހާރު އަނެއްކާވެސް އާ ނަމަކަށް ބަދަލުކޮށްފައިވަނީ ޖިއްދާ އިކޮނޮމިކް ކޮމްޕެނީ ޓަވަރު – ނުވަތަ ޖޭއީސީ ޓަވަރުގެ ނަމުންނެވެ.
މި އިމާރާތް ޑިޒައިންކޮށްފައިވަނީ އެޑްރިއަން ސްމިތް އާއި ގޯޑަން ގިލް އެވެ. އެގޮތުން އެޑްރިއަން ސްމިތަކީ މިހާރު ދުނިޔޭގެ އެންމެ އުސް އިމާރާތްކަމުގައިވާ، 828 މީޓަރު (2,716 ފޫޓު) އުސްމިނުގެ ބުރުޖު ޚަލީފާ ފަރުމާކުރި ފަރާތްކަން ފާހަގަކޮށްލެވެއެވެ.
ޖޭއީސީ ޓަވަރަކީ އީފަލް ޓަވަރަށްވުރެ ތިން ގުނަ އުސް، އެމްޕަޔަރ ސްޓޭޓް ބިލްޑިންގ އާއި އެމެރިކާގެ އެންމެ އުސް އިމާރާތްކަމުގައިވާ ވަން ވޯލްޑް ޓްރޭޑް ސެންޓަރަށްވުރެ ދެ ގުނަ އުސް އިމާރާތެކެވެ.
- ސައުދީ ރަތް ކަނޑުގެ ބަނދަރު އަދި ޖިއްދާގެ މައްޗަށް އުސްކޮށްފައިވާ ޖޭއީސީ ޓަވަރުގެ އުސްމިން އޭފަލް ޓަވަރުގެ ތިން ގުނައަށް ވުރެ ބޮޑުވާނެ.
ޖޭއީސީ ޓަވަރުގެ ތިނެސްކަން ބައްޓަމަކީ ފަރުމާކޮށްފައިވަނީ ހަނަފަސް ޞަޙަރާތަކުގައި ހެދޭ ގަސްތަކުގެ ފަތްތަކުގެ މިސާލަށެވެ. މި ސިފަ ގެނެސްފައިވަނީ އެހާ އުސްމިނެއްގައި ގަދަ ވަޔަށް ދެމިހުރެވޭނެ ގޮތަށެވެ. އަދި އިމާރާތުގެ ތިން ފަރާތުގައި ކަނޑާ ނަގާފައިވާ ތަންތަނުން އިރުގެ އަވިން އިމާރާތް ރައްކާތެރިކޮށްދޭނެއެވެ. މި ހުރިހާ އެއްޗެއް ހިފަހައްޓާފައި ހުންނާނީ 270 ވަޅުގަނޑެއް ކޮނެގެން 105 މީޓަރު (344 ފޫޓު) އަށް ވުރެ ފުން މިނަށް އަޑީގައި ހަދާފައިވާ ބޮޑު ކޮންކްރީޓް ތަނބެއްގެ މައްޗަށެވެ.
މި އުސް އިމާރާތުގައި 59 ލިފްޓާއި 157 ފަންގިފިލާ ހިމެނޭނެއެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެ އުސް ހިސާބުގައި ހުރެ ވަށައިގެންވާ މަންޒަރު ބެލޭނެ ގޮތާއި، ލަގްޒަރީ ބޮޑު ހޮޓަލަކާއި، އޮފީސް ޖާގައާއި، އަދި މަތީ ފެންވަރުގެ ދިރިއުޅޭނެ ތަންތަން ހިމެނޭނެއެވެ.

ޖޭއީސީ ޓަވަރުން ދުނިޔޭގެ އެންމެ މަތިން ވަށައިގެންވާ މަންޒަރު ބެލޭނެ.
މިއީ ވަރަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ބިޔަ ބޮޑު މަޝްރޫއެކެވެ. ޖޭއީސީ ޓަވަރުގެ މަސައްކަތް ފެށުނީ 10 ވަރަކަށް އަހަރު ކުރިންނެވެ. ނަމަވެސް 60 ވަރަކަށް ފަންގިފިލާއަށް ހެދުމަށްފަހު އެތައް އަހަރެއް ވަންދެން މަސައްކަތް ހުއްޓިފައި އޮތެވެ. މީގެ ސަބަބެއްކަމަށް ރިޕޯޓުތަކުގައި ބުނެފައިވަނީ ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން
އާއި ޖެހުނު މައްސަލަތަކެއްގެ އިތުރުން މި ޕްރޮޖެކްޓާއި ހަވާލުވެ ހުންނެވި ވިޔަފާރިވެރިޔާ އަދި އިންވެސްޓަރު ކަމުގައިވާ ސަޢޫދީ އަމީރު އަލްވަލީދު ބިން ޠަލާލް އަލްސަޢޫދު ހައްޔަރުކުރެއްވުމާއި ގުޅިގެންނެވެ. ދެން ފާއިތުވި އަހަރު މަސައްކަތް ފެށިފައިވާކަމުގެ ރިޕޯޓުތަކުގައި އެނގިގެންދިޔައެވެ. ނަމަވެސް މިހާރު މިކަން ރަސްމީކޮށް އިޢުލާނުކޮށްފައިވެއެވެ.
ޠަލާލް އަލްސަޢޫދު ވަނީ ފަހުން އެކްސްގައި މި ޕްރޮޖެކްޓުގެ ކުރު ވީޑިއޯއެއް ޕޯސްޓްކޮށްފައެވެ. އަދި އެ ޕޯސްޓާއެކު “ވީ އާ ބެކް” މިހެން ލިޔެފައިވެއެވެ. އޭނާގެ ކުންފުނި ކަމުގައިވާ ކިންގްޑަމް ހޯލްޑިންގ ކޮމްޕެނީ އިން އިޢުލާނުކޮށްފައިވަނީ ސަޢޫދީ ބިންލާދިން ގްރޫޕާއެކު 7.2 ބިލިއަން ސަޢޫދީ ރިޔާލް (ގާތްގަނޑަކަށް 1.9 ބިލިއަން އެމެރިކާ ޑޮލަރު) އަށް މި އިމާރާތް އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، މަސައްކަތް ފުރިހަމައަށް ފެށިފައިވާ ކަމަށެވެ.