ހދ ކުރިނބީ އާ ބަނދަރުގެ މަސައްކަތް ލަސްވެފަވަނީ ނިމިދިޔަ ސަރުކާރުން އެކަން ނުކޮށްދީ އޮތީމަ ކަމަށް ކުރިނބީ ކައުންސިލުން ބުނެފިއެވެ.
ކުރިނބީ ކައުންސިލުން ބުނީ އެރަށުގައި ފަހުން ހަދަންފެށި ބަނދަރަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 14 ސެޕްޓަމްބަރު 2022 ގައި ހަދަންފެށި ބަނދަރެއް ކަމަށެވެ. އެ ބަނދަރު ހަދަން އެމްޓީސީސީއާއި ހަވާލުކުރީ 365 ދުވަހުގެ ތެރޭ ނިންމާ ގޮތަށް ކަމަށެވެ.

ކުރިނބީ އާ ބަނދަރުގެ މަސައްކަތް ލަސްވެފަވާތީ ރައްޔިތުން ނުކުމެ ބަނދަރު ފުން ކުރަނީ
ނަމަވެސް އެބަނދަރު އޭރު ނިންމާފައިނުވާއިރު، ކުރިނބީ ބަނދަރުގެ ލަސްވާ މައްސަލައިގައި ހަމައެކަނި ކުރެވޭނެ ކަމަކީ ބަނދަރު އަވަހަށް ނިންމަމަށް ސަރުކާރާއި އެކު މަޝްވަރާއަކަށް ދިއުން ކަމަށް ކައުންސިލުން ބުނެއެވެ.
ކައުންސިލުން މިހެން ފާހަގަކޮށްފައިވަނީ ކުރިނބީ ބަނދަރު ލަސްވެ އެރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅު ކޮށްފައި ވަނިކޮށެވެ. އެގޮތުން ރައްޔިތުންގެ ތެރެއިން ބައެއް މީހުން ވަނީ އަމިއްލަ އަށް ބަނދަރު ކޮންނަން ފަށާފައިވާ ވީޑީއޯއެއް ސޯޝަލް މީޑިއާއަށް ދޫކުރައްވާފައެވެ. މިކަމާ ގުޅިގެން ކައުންސިލުން ބުނީ ކުރިނބީގައި ބަނދަރެއް މީގެ ކުރިން ވެސް އޮންނަ ކަމަށާއި، މިހާރު ދައުރުކުރާ ވީޑިއޯއިން ފެންނަނީ ހަގީގަތެއް ނޫން ކަމަށެވެ.
ކުރިބީގައި އާބަނދަރެއް ހަދަންފެށީ މިހާރު އޮތް ބަނދަރު ބޮޑުކުރަން ނަމަވެސް ދީފައިވާ މުއްދަތަށް ނިންނާލެވިފައި ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.