ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 3 އަންހެނަކު ޑީޕޯޓްކޮށްލައިފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި މަހުގައި ޚާއްސަ އިންސްޕެކްޝަންތަކެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން 05 މައްސަލައަކާއި ގުޅިގެން ބިދޭސީ 05 އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ 02 ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 03 އަންހެނަކު މިހާރު ޑީޕޯޓުކޮށްފައި ވާއިރު، ބާކީ 04 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އަތުލައިގަތް ބިދޭސީންގެ ތެރޭގައި ހިމެނެނީ ތައިލެންޑްގެ އަންހެނަކާއި، ސައުތު އެފްރިކާގެ އަންހެނަކާއި، ޔުގެންޑާގެ އަންހެނަކާއި، ރަޝިޔާ އަންހެނަކާއި، ބަންގްލަދޭޝްގެ އަންހެނަކާއި ދެ ފިރިހެނުންނެވެ.