އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ދިވެހިރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ފަށާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ “ހަފްތާ 52” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި، ކުރިއަށް އޮތް 10 ނުވަތަ 15 ދުވަހުގެ ތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރާނެ ފަރާތަކާއެކު އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި މި ޚިދުމަތް ފެށިގެންދާނީ ސިވިލް އޭވިއޭޝަންގެ ހުރިހާ މިންގަނޑުތަކަކަށް ފެތޭ ގޮތަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. މި ފުރުޞަތަށް ބައިނަލްއަޤްވާމީ 36 ކުންފުންޏަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ވަޒީރު އަމީން ވިދާޅުވިގޮތުގައި، މި ޚިދުމަތް ފެށުމުން އެއް ރަށުން އަނެއް ރަށަށް ނުވަތަ މާލެއަށް ގެންނަންޖެހޭ ބަލިމީހުންގެ ކަންތައްތައް ފަސޭހަވެގެންދާނެއެވެ. އަދި ރޭގަނޑު ޓޫރިސްޓުން އުފުލުމުގައި ހުރި ދަތިތަކަށްވެސް ޙައްލު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ބުނާގޮތުގައި، ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ނިންމާފައިވަނީ އިމަރޖެންސީގެ ކުއްލި ޙާލަތްތަކުގެ ޚިދުމަތް ދިނުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށެވެ. މި ޚިދުމަތް ދިނުމަށް އެއްބަސްވާ ފަރާތަކަށް 10 އަހަރުގެ މުއްދަތަކަށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފަތުރުވެރިން އުފުލުމުގެ ހުއްދަ ދެވޭނެއެވެ.
ރާއްޖޭގައި ކުރިން ދެމުންދިޔަ ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓާލާފައިވަނީ ދިމާވި ހިތާމަވެރި ޙާދިސާތަކަކާ ގުޅިގެން އެތައް އަހަރެއް ކުރިންނެވެ. އަލުން މި ޚިދުމަތް ފެށުމަށް ސަރުކާރުން ނިންމެވީ މިދިޔަ ޖެނުއަރީ މަހުގައެވެ. މި ނިންމުން ނިންމާފައިވަނީ އިނގިރޭސިވިލާތުގެ ރެގިއުލޭޓަރީ ބޮޑީއެއް ކަމަށްވާ ޔޫކޭ ސިވިލް އޭވިއޭޝަންގެ އެހީގައި ހަދާފައިވާ ޓެކްނިކަލް އެސެސްމަންޓްތަކަކަށް ފަހުގައެވެ.

