ކިންމެމައި ޕްރީމިއަމްއަކީ ތަޖުރިބާކާރުން ބުރަ މަސައްކަތުން އަތުން ހޮވަންއިގެން އުފައްދާ ހަނޑުލުގެ ބާވަތެކެވެ. މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ހަނޑުލުގެ ގޮތުގައި ގިނަސް ވޯލްޑް ރެކޯޑް ލިބިފައިވާ ހަނޑުލުގެ ބާވަތެވެ. މި ހަނޑުލުގެ ކިލޯއެއް ލިބެނީ 109 އެމެރިކާ ޑޮލަރަށެވެ.
ހަނޑުލަކީ އޭގެއިން ސިއްހަތަަށް ގިނަ ފައިދާތަކެއް ލިބުމާއެކު އަގުހެޔޮވެފައި ފަސޭހަކަމާއެކު ލިބޭ ކާނާގެ އެއް ބާވަތެވެ. ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ހަނޑުލުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހާއްސަ ބާވަތެއް ކަމުގައިވާ ކިންމެމައި ޕްރީމިއަމްއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ހަނޑޫވެސްމެއެވެ.
ޖަޕާނުގެ ޓޯޔޯ ރައިސް ކޯޕަރޭޝަނުން އުފައްދާ މި ޚާއްޞަ ހަނޑުލުގައި ހިމެނެނީ އެންމެ މޮޅު ހަނޑުލުގެ މަގާމު ލިބިފައިވާ ޖަޕާނުގެ ފަސް ބާވަތެއްގެ ހަނޑުލުގެ ތެރެއިން އަތުން ހޮވާލެވިފައިވާ ހަނޑޫ ފުށްތަކެވެ. މި ހަނޑުލުގެ ރަހަ މީރުކުރުމަށް 6 މަސްދުވަސް ވަންދެން ބެހެއްޓިފައި ހުންނަނީ 17 އަހަރު ކުރިން އެ ކުންފުނިން އުފައްދާފައިވާ ޚާއްޞަ ޓެކްނޮލޮޖީއެއްެގެ އެހީގައެވެ. ކިންމެމައި ޕްރީމިއަމް ހަނޑުލުގައި އާންމު ހަނޑުލާއި އަޅާބަލާއިރު ސިއްހީ ފައިދާތައް ގިނަވެފައި، މި ހަނޑުލުގައި ތަފާތު މީރު ރަހައެއް ހުންނަ ކަމަށް ބުނެވެއެވެ.
ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަނޑުލުގެ ބޭރުގައި ހުންނަ ފަށަލަ ނައްތާލުމުގެ ސަބަބުން، މި ހަނޑޫ ފުށްތައް ފެންނަން ހުންނަނީ ވިދަ ވިދާ ހުންނަ މުތީ ތަކެެއް ފަދައިންނެވެ.
ކިންމެމައި ޕްރީމިއަމް ހަނޑުލުން ހަށިގަނޑަށް ބޭނުންވާ އެތައް މާއްދާއެއް ލިބިގެންދެއެވެ. އޭގެ ތެރޭގައި އާންމު ހަނޑުލާއި އަޅާބަލާއިރު 6 ގުނަ އިތުރަށް ލައިޕޯޕޮލިސޮލިސެކަރައިޑްސް (އެލްޕީއެސް) ޤުދުރަތީ ގޮތުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށާއި ބަލިތަކާ ދެކޮޅަށް ހަށިގަނޑު ދިފާޢުކުރުމަށް އެހީތެރިވާ މާއްދާއެއް ހިމެނެއެވެ.” މީގެ އިތުރުން 1.8 ގުނަ އިތުރަށް ފައިބަރ އަދި 7 ގުނަ އިތުރަށް ވިޓަމިން ބީ1 ލިބެއެވެ. މި ހަނޑޫ އިތުރަށް ދޮވުމަކާ ނުލައި ކެއްކިދާނެއެވެ. އަދި މި ހަނޑުލުގައި ޚާއްޞަ މީރުވަހަކާއި ފޮނި ރަހައެއް ހުރެއެވެ.
ކޮޝިހިކަރީ އަދި ޕިކަމަރޫ ފަދަ އަގުބޮޑު ހަނޑޫގެ ބާވަތްތައް ހިމެނޭ ކިންމެމައި ޕްރީމިއަމް ހަނޑޫ ހޮވަނީ ޓޯޔޯ ކޯޕަރޭޝަންގެ ތަޖުރިބާކާރުންގެ އަތުންނެވެ. އަދި ހަނޑޫ ހައްދާ ފަރާތްތަކަށް އާންމު އަގާއި އަޅާބަލާއިރު 8 ގުނަ ބޮޑު އަގެއް ދެވެނީ އެންމެ ރަނގަޅު އަދި މޮޅު ހަނޑޫ ގަތުމަށެވެ. މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ހަނޑުލުގެ އަގު މިހާ ބޮޑުވެފައިވާ މައިގަނޑު ސަބަބެވެ.
ދުނިޔޭގެ އެންމެ މޮޅު ހަނޑުލުގެ ގޮތުގައި އިޝްތިހާރުކުރެވޭ ކިންމެމައި ޕްރީމިއަމް ވިއްކަނީ 140 ގްރާމްގެ ޕެކެޓްތަކުގައި، ކިލޯއަކަށް ގާތްގަނޑަކަށް 120 އެމެރިކާ ޑޮލަރުގެ އަގުގައެވެ. 2016 ވަނަ އަހަރު ދުނިޔޭގެ އެންމެ އަގުބޮޑު ހަނޑުުލުގެ ގޮތުގައި ރެކޯޑް ފޮތުން ޖާގަ ލިބުނު މި ހަނޑޫ އޭރު ވިއްކީ ކިލޯއަކަށް 109 ޑޮލަރުގެ އަގުގައެވެ. ނަމަވެސް ތަފާތު ސަބަބުތަކާއި ހުރެ އޭގެ ފަހުން އަގު އިތުރަށް މައްޗަށް ގޮސްފައިވެއެވެ. ފުރަތަމަ ހަމައެކަނި ޖަޕާނުގެ މާކެޓަށް ވިއްކަމުން އައި ކިންމެމައި ޕްރީމިއަމް މިހާރު ސިންގަޕޫރުގައިވެސް ވިއްކައެވެ.
ކިންމެމައި ޕްރީމިއަމް ހަނޑުލަކީ ސުޝީފަދަ ކާނާގެ ބާވަތްތައް ހެދުމަށް އެކަށީގެންވާ ހަނޑުލެއް ނޫނެވެ. އެއީ މި ހަނޑުލުގައި އެކަމަށް ބޭނުންވާ ސްޓާޗް މަދުވުމުގެ ސަބަބުންނެވެ. މި ހަނޑުލުގެ ފޮނި، މީރު ރަހަ ފުރިހަމައަށް ތަޖުރިބާކުރުމަށްޓަކައި، އޮޗަޒުކޭ އަދި ޓަމާގޯ ކަކެ ގޯހަން ފަދަ ޖަޕާނުގެ އެކި ކެއުންތަކުގައި މި ހަނޑޫ ބޭނުންކުރެއެވެ.