އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލު ކުރުމުގެ މަސައްކަތް އެސްޓީއޯއިން ހުއްޓާލައިފި އެވެ. މި މަހުގެ 24 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން އެކަން ހުއްޓާލަން އެންގުމާ ގުޅިގެން މިގޮތަށް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި، ފެނަކަ އެ ކުންފުނީގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް ކުރިން ސަރުކާރަށް ހުށަހަޅާފައިވާ އެކުއިޒިޝަން ޕްރޮޕޯސަލްގައި ހިމެނޭ ކަންކަން ކުރިއަށް ގޮސްފައިވާ މިންވަރަށް ބަލައި، ފެނަކައިގެ ހިއްސާ ގަތުމުގެ މަސައްކަތް ހުއްޓާލުމަށް މިއަދު ބޭއްވި ބޯޑު ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
މިދިޔަ އޮގަސްޓް މަހު ސަރުކާރުން ވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފެނަކަ ކޯޕަރޭޝަން އެސްޓީއޯގެ ދަށަށް ގެންގޮސް، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގަން ނިންމާފައެވެ. ނަމަވެސް، 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފޮތުގައި ކުންފުނިތައް ރިފޯމުކުރުމަށްޓަކައި ރާވާފައިވާ ކަންކަމުގެ ތެރޭގައި އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމުގެ ބަދަލުގައި ފެނަކަ އާއި ސްޓެލްކޯއާ އެއްކޮށްލުން ފަދަ އެހެން ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހާމަކޮށްފައިވެ އެވެ.
ފެނަކައަކީ މިހާރު އެސްޓީއޯއަށް އެންމެ ބޮޑު އަދަދެއްގެ ދަރަނި ދައްކަން ޖެހިފައިވާ ކުންފުންޏެވެ. ތެޔޮ ގަތުމަށް އެސްޓީއޯއަށް ދެ ބިލިއަން ރުފިޔާ ދައްކަން ޖެހިފައިވާއިރު، އެހެނިހެން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާއާއެކު ފެނަކައިގެ ޖުމްލަ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރައެވެ.
ފެނަކައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހަރަދާއި އާމްދަނީ އެންމެ ނުބައްދަލު އެއް ކުންފުންޏެވެ. އަދި އެންމެ ގިނަ މުވައްޒަފުން ތިބި އެއް ކުންފުނިވެސް މެއެވެ. 7،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި މި ކުންފުނިން ލިބޭ އާމްދަނީގެ ގާތްގަނޑަކަށް 13 ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންގެ މުސާރައަށެވެ. މިދިޔަ އަހަރު މުވައްޒަފުންގެ މުސާރައަށް 72 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.