ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އިޒްރޭލު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތާ ގުޅިގެން ދެއްވި ޚާއްސަ މެސެޖުގައެވެ.
ރައީސްގެ މެސެޖުގައި ވަނީ ފަލަސްޠީނުގެ ހައްގުގައި ރާއްޖެއިން ދޭ އެއްބާރުލުމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ހިއްސާކުރާ ކަމެއްކަން ފާހަގަކުރައްވައި، މިއަދާ ހަމައަށްވެސް ފަލަސްޠީނުގެ އެކި ޖީލުތަކުގެ ރައްޔިތުން ކުރިމަތިލަމުން ގެންދާ އަނިޔާވެރިކަމާއި، ފަސާދައާއި، ގެދޮރު ގެއްލުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
މީގެއިތުރުން ފަލަސްޠީނުގެ އަޚުންނާއި، އުޚުތުން ބަރުދާސްތު ކުރަމުންގެންދާ ބޭއިންސާފާއި އަނިޔާވެރިކަމާއި، ދިރިއުޅެމުންގެންދާ ހިތްދަތިކަމުގެ ހަނދާންތައް އާކޮށްދޭ ކޮންމެ ދުވަހަކީ، ފަލަސްޠީނުގެ ރައްޔިތުންނާއެކު ދެމިތިބުމުގެ އަޒުމް ވަރުގަދަވެ، އަދި އެ އަޒުމު އައުކޮށްދޭ ދުވަހެއް ކަމަށާއި، އެ ރައްޔިތުންނާމެދު ބޭއިންސާފުން ހިންގާ ކަންކަމަކީ އަޅުގަނޑުމެން ހިއްސާކުރާ ތާރީޚުގައި ޖެހިފައިވާ ލައްގަނޑެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ އިޒްރޭލަށް ހަތިޔާރު ވިއްކުން މި ހިނދުން މި ހިނދަށް ހުއްޓާލުމަށާއި، ހަނގުރާމައިގެ ޖަރީމާތަކުގައި ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް، ބައިނަލްއަގުވާމީ މުޖުތަމައު އެއްބައިވެ، އެ ގައުމެއްގެ ސިޔާސީ ވިސްނުމާއި އިގުތިސާދީ ބާރުގެ ބޭނުންހިފުމަށް ގޮވާލައްވާފައެވެ. އަދި ފަލަސްޠީނުގެ ރެފިއުޖީންގެ ހައްގުގައި އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އަދާކުރަމުންގެންދާ މުހިންމު ދައުރަށް 75 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި، އެ އެޖެންސީން ކުރަމުންގެންދާ ހައްސާސް މަސައްކަތްތަކަށް ހުރިހާ ގައުމުތަކުން ވެސް އެއްބާރުލުން ދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންފައިވެއެވެ.
ބައިނަލްއަގުވާމީ ގާނޫނުތަކާއި، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނާއި، އިންސާނީ އެހީގެ ގާނޫނުތަކާ ތަކުރާރުކޮށް ޚިލާފުވެ، އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ގތުލުއާންމުގެ ޖަރީމާތަކާއި، އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރައްވައި، އެ ލާއިންސާނީ އަމަލުތަކަކީ ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ނޫންކަމަށާއި، އެއީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ގައުމުތަކުގެ ގުޅިފައިވާ ނިޒާމަށް ދެވޭ ހަމަލާއެއްކަމުގައި ވެސް ރައީސް ސިފަކުރައްވާފައިވެއެވެ. ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ކުރެވޭ މަސައްކަތަށްވުރެ މުހިންމު އެއްވެސް ކަމެއް ނޯންނާނެކަމުގައި ރާއްޖެއިން ގަބޫލުކުރާކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސް ވިދާޅުވީ ފަލަސްޠީނު ރައްޔިތުން ކުރަމުންގެންދާ ޖިހާދަކީ އަމިއްލަކަމެއްގެ ގޮތުގައި ދިވެހީން ގަބޫލުކޮށް ބަލައިގަންނަކަމީ ދެބަސްވެވެންނެތް ކަމެއް ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އަދުލުއިންސާފާއި، މިނިވަންކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ދުނިޔޭގެ ކުރިމަތީގައި ސާބިތުކަމާއެކު އަޑުއުފުލުމުގައި ފަހަތަށްނުޖެހި، ދިވެހީން ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނެވޭނީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްޠީނުގެ މިނިވަން އަދި އިސްތިގުލާލީ ދައުލަތެއް ގާއިމުކުރެވި، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެންކަން ފާހަގަކުރައްވަމުންނެވެ.