ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް “ހެންލީ އެންޑް ޕާރޓްނާސް ގްލޯބަލް ސިޓިޒެން އެވޯޑް” ލިބިވަޑައިގަތުމާ ގުޅިގެން ދަ ޑިމޮކްރެޓްސް (ޑެމްސް) އިން މަރުހަބާ ދަންނަވައިފިއެވެ.
ޑިމޮކްރެޓްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ މުޖުތަމައު ރަނގަޅުކުރުމަށް އާދަޔާޚިލާފު ހިއްސާއެއް އަދާކޮށްދެއްވި އިންސްޕިރޭޝަނަލް ދުނިޔޭގެ ފަރުދެއްގެ ޝަރަފުދެއްވުމުގެ ގޮތުން ޝަރަވުވެރި އިނާމެއް ކަމުގައިވާ “ހެންލީ އެންޑް ޕާރޓްނާސް ގްލޯބަލް ސިޓިޒެން އެވޯޑް” ރައީސް ނަޝީދަށް އެރުވުމާ ގުޅިގެން އެމަނިކުފާނަށް ދަ ޑިމޮކްރެޓްސް އިން ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ.
ރައީސް ނަޝީދަށް މި އިނާމު އަރުވާފައިވަނީ މިހާރު ސިންގަޕޫރުގައި ކުރިއަށްދާ 18 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައެވެ.
ޑިމޮކްރެޓްސްްއިން ބުނީ ރައީސް މުޙައްމަދު ނަޝީދު ދުނިޔޭގެ ފެންވަރުގައި ކުރައްވާފައިވާ އަގުހުރި މަސައްކަތްޕުޅު، ޚާއްސަގޮތެއްގައި އިންސާނީ/މަދަނީ ހައްގުތަކާއި ތިމާވެށީގެ ރޮނގުން ކުރައްވާފައިވާ މަސައްކަތްޕުޅު ފާހަގަކޮށް މީގެ ކުރިން ވެސް ބައިނަލްއަގުވާމީ އެކިއެކި އިނާމުތަކާއި ޝަރަފު އެމަނިކުފާނަށް އަރުވާފައިވާ ކަމަށެވެ.
އެގޮތުން ލިބިވަޑައިގެންނެވި ބައެއް އިނާމާއި ޝަރަފުގެ ތެރޭގައި އދ. ގެ “ޗެމްޕިއަން އޮފް ދި އާތް” އިނާމާއި، މަޝްހޫރު ޓައިމް މެގަޒީންގެ “ހީރޯ އޮފް ދަ އެންވައިރަމެންޓް” ގެ ޝަރަފާއި، “ސިލްވިއާ އާލް ބްލޫ މިޝަން އެވޯޑް” އާއި، ފޮރިން ޕޮލިސީ މެގަޒިން އިން ދޭ ޝަރަފެއް ކަމަށްވާ “ޓޮޕް ގްލޯބަލް ތިންކާސް” ގެ ލިސްޓްގައި އެމަނިކުފާނުގެ ނަންފުޅު ހިމަނާފައިވާ ކަމަށް ޑިމޮކްރެޓްސްއިން ބުންޏެވެ.
އަދި އިންސާނީ/މަދަނީ ހައްގުތަކުގެ ރޮނގުންނާއި ސުލްހަވެރި އެކްޓިވިޒަމް ހިންގެވުމުގެ ރޮނގުން ދުނިޔޭގެ ފެންވަރުގައި އެމަނިކުފާނުގެ ނަންފުޅު ފާހަގަކޮށް “އަނަ ލިންދު އެވޯޑް” އާއި، ޑރ މާޓިން ލޫތާ ކިންގް ޖޫނިއާ ކުރެއްވި ފަދަ މަސައްކަތް ކުރެއްވި ޝަހުސިއްޔަތަކަށް އަރުވާ މަޝްހޫރު “ޖޭމްސް ލޯސަން އެވޯޑް” ލިބިވަޑައިގެންފައިވާ ކަމަށް ވެސް ޑިމޮކްރެޓްސްއިން ބުންޏެވެ.

