الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މާތް الله ވަޙީކުރެއްވިއެވެ. ﴿وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ وَهُوَ خَيْرُ الرَّازِقِينَ﴾ (سبإ: ٣٩) މާނައީ: “އަދި ތިޔަބައިމީހުން (އެއިލާހުގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެއިލާހު އޭގެ ބަދަލު ދެއްވަތެވެ. އަދި އެއިލާހީ، ރިޒްޤު ދެއްވާ އެންމެ ހެޔޮ އިލާހެވެ.”
ކޮންމެ ދުވަހަކު ހެނދުނު ދެ މަލާއިކަތުން ފައިބައިވަޑައިގެން މާތް الله ގެ މަގުގައި ހޭދަކުރާ ކޮންމެ މީހަކަށް އެ ކަމުގެ ބަދަލު ދެއްވުމަށާއި، މާތް الله ގެ މަގުގައި ހޭދަނުކޮށް މުދާ ޖަމަޢަކޮށް އެއްކުރާ މީހާގެ މުދާ ގެއްލެނިކުރެއްވުމަށް ދުޢާކުރައްވާ ކަމުގައި ކީރިތި މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އުންމަތަށް ބަޔާންކޮށްދެއްވައިފައި ވެއެވެ. [ބައްލަވާ: صحيح البخاري 1442]
މާތް الله ގެ ފަޟްލަވަންތަކަމުން މުދަލުގެ ތަނަވަސްކަން ލިބިގެންވާ މީހާއެވެ! ތިބާގެ ނިކަމެތި އަޚާއަށް އެހީތެރިވެ، އޭނާގެ ޙާލަށް ރަޙުމުކުރާށެވެ. ހަމަކަށަވަރުން ރަޙުމުކުރާ މީހުންނަށް ރަޙްމާންވަންތަ الله ރަޙުމުކުރައްވާނެތެވެ. ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރައްވައިފައި ވެއެވެ. «ارْحَمُوا أَهْلَ الْأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ» [سنن أبي داود 4941] މާނައީ: “ތިޔަބައިމީހުން ބިމުގެ އަހުލުވެރިންނަށް ރަޙުމުކުރާށެވެ. އޭރުން އުޑުގައިވާ އިލާހު ތިޔަބައިމީހުންނަށް ރަޙުމުކުރައްވާނެތެވެ.” ބިމުގެ އަހުލުންނަކީ އާދަމުގެ ދަރިންނާއި އަދި ކޮންމެ ޖަނަވާރެކެވެ. އުޑުގެ އަހުލުންގެ މުރާދަކީ الله تعالى އެވެ. [ބައްލަވާ: عون المعبود وحاشية ابن القيم 13/194]
ބައްޔެއްގެ ސަބަބުން ނުވަތަ މި ނޫން ވެސް ސަބަބަކާ ހުރެ ފަޤީރުކަމުގެ ޙާލަތުގައި ހުރި ކޮންމެ މީހަކަށް އޯގާތެރިވެ، ތިޔަބައިމީހުންގެ މުދަލުން އެ މީހުންނަށް އެހީތެރިވެ މަދަދުވެރި ވާށެވެ. ރަޙްމާންވަންތަ الله ތިޔަބައިމީހުންނަށް ފާގަތިކަމާއި ދަތިކަމުގައި ރަޙުމްކުރައްވާނެތެވެ.
ލޮބުވެތި އަޚުންނޭވެ! ވަޢުދާ ޚިލާފުވެ-ވޮޑިނުގަންނަވާ ކީރިތިވަންތަ މާތް الله ގެ ވަޢުދުފުޅަށް ތިޔަބައިމީހުން އިތުބާރުނުކުރަނީ ހެއްޔެވެ؟ ހަމަކަށަވަރުން الله ވަނީ އެއިލާހުގެ މަގުގައި ހޭދަކުރާ މީހުންނަށް އެ ކަމުގެ މައްޗަށް ގިނަގުނަވެގެންވާ ސަވާބާއި އަޖުރު ދެއްވާނެ ކަމާއި، މުޞީބާތްތަކުން ދުރުކުރައްވައި ހޭދަކުރާ މުދަލުގެ ބަދަލު ދެއްވާނެ ކަމާއި، އެބައިމީހުންގެ މުދަލާއި ޢަމަލުތަކުގައި ބަރަކާތް ލައްވާނެ ކަމަށް ވަޢުދުވެ ވޮޑިގެންފައެވެ. [ޝައިޚު ޢަބްދުއްރަޙްމާނު އައްސަޢްދީގެ ބަސްކޮޅެއް]
އޭނާގެ މުސްލިމު އަޚާ ބަނޑުހައި ހޫނުކަމުގައި ދުވަސްތައް ހޭދަކުރަމުންދާއިރު މުސްލިމަކު ބަނޑުފުރާނީ ކޮންފަދައަކުން ހެއްޔެވެ؟ އޭނާގެ މުސްލިމު އަޚާ ބިކަ ޙާލުގައި ނިކަމެތިކަމުގައި ދުނިޔޭގެ ދުވަސްތައް ގުނަމުންދާއިރު މުސްލިމަކު ނިޢުމަތްތަކުގެ ތެރޭގައި އެއްވެސް ފަރުވާލެއްނެތި އުޅޭނީ ކޮންފަދައަކުން ހެއްޔެވެ؟
ވިޔަފާރިވެރިންނޭވެ! އެ ވިޔަފާރިއެއްގައި ދުވަހަކު ވެސް ގެއްލުމެއް ނުވާނޭ ވިޔަފާރިއަކަށް އެދޭ ނަމަ، الله ގެ މަގުގައި ހޭދަކުރާށެވެ! އެއިލާހު ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ހަމަކަށަވަރުން، الله ގެ ފޮތް ކިޔަވައި، އަދި ނަމާދު ޤާއިމުކޮށް، ތިމަން އިލާހު އެ މީހުންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ.” [سورة فاطر: 29]
އަޅުގަނޑުމެން އެންމެންނަކީ ވެސް އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ މާތް الله ގެ މަގުގައި މުދާ ހޭދަކުރާ ބައެއް ކަމުގައި ލައްވާށިއެވެ!
نَظِيم نِظَام / ދީނުގެމަގު