އެންސްޕާއާ ގުޅޭގޮތުން ފެތުރެމުންދަނީ ދޮގު ހަބަރު ތަކެއް ކަމަށާއި، އެފަދަ ހަބަރުތައް ނުފެތުރުމަށް އިލްތިމާސް ކޮށްފިއެވެ.
އެންސްޕާއާ ގުޅޭގޮތުން ފެތުރެމުންދާ ހަގީގަތާ ޚިލާފު މަޢުލޫމާތުތަކުގެ މައްސަލަ ބެލުމަށް މިހާރު ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި ވެސް އެދިފައެވެ.
އެންސްޕާއިން، އޭސީސީގެ ރައީސް އާދަމް ޝާމިލަށް އެޑްރެސްކޮށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ސޮއިކޮށް ފޮނުވާފައިވާ ސިޓީއެއްގަ ބުނެފައިވަނީ އެ އެޖެންސީ ހިންގުމަށް އިމާރާތެއް ހޯދުމާބެހޭގޮތުން ބައެއް ނޫސްތަކުން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ދައްކަމުންދާކަމަށެވެ.
ނަމަވެސް ދާދިފަހުން ބްރޯޑްކާސްޓްކުރަން ފެށި އެމްއެމްޓީވީ އާއި އެންސްޕާއާއި ދެމެދު ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާ ކަމުގެ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. މި ތުހުމަތައް އެންސްޕާއިން ދޮގު ކުރެއެވެ.
މި މައްސަލައިގައި އެންސްޕާއިން ބުނެފައިވަނީ އެންސްޕާ ހިންގަން އިމާރާތެއް ހޯދުމުގެ މުޢާމަލާތަކީ މާލީ ވުޒާރާ އާއި އެ އެޖެންސީއާ ދެމެދު އެކަން ކުރުމަށް ކަނޑައެޅިފައިވާ ޤަވާއިދާ އުޞޫލުގެ ތެރެއިން ކުރެވިފައިވާ މުޢާމަލާތެއް ކަމަށެވެ. އަދި އެ މަޢުލޫމާތްތަކަކީ މާލީ ވުޒާރާގެ މަންސަތަކުން ހާމަކަން ބޮޑު ގޮތެއްގައި ފެންނަން ހުންނާނެ މަޢުލޫމާތުތަކެއ ކަމަށެވެ.
އެންސްޕާއިން ވަނީ މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށްފަހު، ކަމާ ގުޅޭ ރިޕޯޓު އެ އިދާރާއާ ހިއްސާކުރުމަށް ވެސް އެދިފައެވެ. އަދި އެ އެޖެންސީއާ ގުޅިގެން ދެކެވޭ ހަގީގަތާ ޚިލާފު ވާހަކަތަކާ ގުޅިގެން ފުރިހަމަ، މިނިވަން ތަހުގީގެއް ހިންގައިދިނުމަށް ވެސް އޭސީސީގައި ކިބައިން އެދިފައެވެ.

