ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ފުރަތަމަ މަހާސިންތާ، “ކަޅުއޮށްފުންމި – ދިވެހި ގައުމިއްޔަތުގެ ދަރުބާރު” މިއަދު ފަށައިފިއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްދާ މި މަހާސިންތާ ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސެއިން މުހައްމަދު ލަތީފް އެވެ.
މި މަހާސިންތާއަކީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ނުވަތަ ގައުމީއްޔަތު ކޮލެޖުގެ ފަރާތުން ކޮންމެ އަހަރަކު ދެ ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޢިލްމީ މަހާސިންތާއެކެވެ. މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ދިވެހި ގައުމިއްޔަތުގެ ޢިލްމު ފެތުރުމެވެ.
މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިބަހާ ސަޤާފަތާއި ތަރިކައާއިބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، މިއީ ދިވެހި ވަންތަކަމާއި ދިވެހިންގެ ތާރީހުގެ މައްޗަށް ޢިލްމީ ނަޒަރަކުން ވިސްނާ ފިކުރު ހިންގުމުގެ ފެށުމެއް ކަމަށެވެ.
“މިއީ އަހަރެއްގެ ތެރެއިން ރާވަލެވިގެން ވަކި ތަރުތީބަކުން އިލްމީ ވިސްނުމެއްގެ ތެރެއިން ފެށޭ ފެށުމެއް،” ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފަށް ދިވެހި ގައުމިޔަތުގެ ދަރުބާރުގެ ރަމްޒު ވަނީ އަރުވާފައެވެ.
ތިން ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ދަރުބާރުގައި އެކި ދާއިރާތަކުގެ ޢިލްމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ދަރުބާރުގައި، އެކި ދާއިރާތަކުގެ ތަޖުރިބާކާރު ބޭފުޅުންގެ ތަފާތު 9 ޢިލްމީ ކަރުދާހެއް ހުށަހަޅާނެއެވެ. މީގެތެރޭގައި ދިވެހިރާއްޖެއަށް އިސްލާމްދީން ތަޢާރަފުވުމާއި، ދިވެހިބަސް، ސަގާފަތް އަދި އިހުގެ އިސްލާމީ ފަރުމާތަކާ ބެހޭ ދިރާސީ ހުށަހެޅުންތައް ހިމެނެއެވެ.
މި މަހާސިންތާއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ އިލްމީ ދަރުބާރެކެވެ.