ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ އައްޑޫސިޓީގެ ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެ ގޭގައި ދިރިއުޅޭ މީހުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކުރި ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ މަރަދޫ ފޭދޫއަށް ވައިގަދަވެ، އެގޭގެ ފުރާޅު އެއްލާލުމާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
އެންޑީއެމްއޭ އިން އިތުރަށް ހާމަކުރި ގޮތުގައި، ފުރާޅު އެއްލާލި އެއް ގޭގައި ޖުމްލަ 17 މީހުން ދިރިއުޅެއެވެ. މީގެ ތެރޭގައި 13 މީހުންނާއި 12 އަހަރުން ދަށުގެ 4 ކުދިން ހިމެނެއެވެ. މި ހާދިސާއާ ގުޅިގެން، އެ ގޭގައި ދިރިއުޅޭ މީހުން ވަނީ ވަގުތީ ގޮތުން އާއިލާގެ އެހެން ގެއަކަށް ބަދަލުވެފައެވެ.
މީގެ އިތުރުން، ރޭ އައްޑޫ ސިޓީއަށް ކުރި ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި، އައްޑޫ ސިޓީގެ އެކި ސަރަޙައްދުތަކުގައި ހުރި 5 ގެއެއްގެ ފުރާޅު ވަނީ ވައިގަދަކަމުން މަގުމައްޗަށް އެއްލާލާފައެވެ. މި ގެތަކުގެ ތެރޭގައި މަރަދޫގެ ގެއަކާއި، މަރަދޫފޭދޫގެ ގެއެއްގެ އިތުރުން، ފޭދޫގެ ދެ ގެއަކާއި، ހުޅުދޫގެ ގެއެއް ހިމެނެއެވެ. މި ހާދިސާތަކާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ވަނީ ފުރާޅުތައް މަގުމަތިން އެއްފަރާތްކޮށް، ފުރާޅު ހެދުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް އަންގާފައެވެ.