އެއްވެސް ރައްޔިތަކު އިސްތިސްނާ ނުކޮށް އެންމެންގެވެސް ހަށިގަނޑާއި ފުރާނަ ރައްކާތެރިކުރެވޭނެ ހުރިހާ ފިޔަވަޅެއް މިސަރުކާރުން އަޅާނެކަމަށް ދާހިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ ރޭ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު އަލީ އިހްސާން މިފަދައިން ވިދާޅުވެފައިވަނީ، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. ފައްޔާޒުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ޓްވީޓް ކުރާތީ ފުލުސް އޮފީހަށް ހާޒިރުވާން މީހަކަށް އަންގާފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ “އަބުރުފުޅު”ގެ ހިމާޔަތުގައި ކައުންސިލަރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށާފައިވާކަމަށެވެ.
މިކަމާ ގުޅިގެން ވަޒީރު އަލީ އިހުސާން ވިދާޅުވީ، ފައްޔާޒު އެވިދާޅުވާ ޓުވީޓުގައި ލިޔެފައި އޮތީ ކޮންމެވެސް މީހަކަށް ނިސްބަތްކޮށް އެމީހަކު މަގެއްމަތިން ފެނިއްޖެނަމަ އެމީހަކަށް ޖިސްމާނީގޮތުން ގެއްލުމެއް ދީފާނެކަމަށް ދޭހަވާގޮތަށް ކަމަށެވެ. އެހެންކަމުން މިކަމުގެ ތަފްސީލު ހޯދާ މިކަން ސާފުކުރުމަކީ ކަމާބެހޭ އިދާރާތަކުން ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަލީ އިހުސާން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކާއި ގަަވާއިދުތަކުގެ އިމުގެތެރޭގައި ހިޔާލުފާޅުކުރެވޭނެ އެންމެ ފުޅާމިނަށް އެކަން ކުރެވޭނެ މަގު އޮންނާނީ އަބަދުވެސް ހުޅުވިފައި ކަމަށެވެ. ނަމަވެސް ކޮންމެ ކަމަކީ ސިޔާސީ ކުޅިވަރަކަށް ހެދުމަކީ ވަރަށް އައިރު ޒިންމާދާރު ކަމެއް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ..