ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ 02 އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، އެ ތަންތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 14 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޓާސްކުފޯހުން ރޭ ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި އާންމު ސިއްހަތަށް ގެއްލުވާ ގޮތަށް ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ 02 އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން ފުރަތަމަ ބަލާފައިވާ ތަނުން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީ 09 ފިރިހެނުން އަދި ދެވަނަ ތަނުން ބިދޭސީ 03 އަންހެނަކާއި 02 ފިރިހެނުން ހިމެނޭހެން ޖުމްލަ 14 ބިދޭސީން ވަނީ އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން އިއްޔެގެ ހަވީރުގެ ވަގުތެއްގައި ވަނީ ހުޅުމާލޭގައި ހިންގަމުންދާ ތިން ކެފޭއެއް ވެސް ބަލައި ފާސްކޮށްފައެވެ.
އެތަނުން ކެފޭއެއްގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އޭގެތެރެއިން އެކަކީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވާ ބިދޭސީއެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.