ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ހުކުމަށް ލުއި ދިނުމާއި، ހުކުމް މައާފު ކޮށްދިނުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މި ނިންމެވުން ނިންމަވާފައިވަނީ އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ ގުޅިގެން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މި ނިންމެވުމުގެ ދަށުން، ޖަލުގެ އެތެރޭގައާއި ބޭރުގައި ތަފާތު އެކި މަސައްކަތްތައް ކުރުމުގެ ފުރުސަތު ގައިދީންނަށް ފަހިކޮށްދެވޭނެއެވެ. އަދި ރީހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަ ކުރުމުން، ކަނޑައެޅޭ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުކުމަށް ލުއި ދިނުމާއި މައާފުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހުގައި ހިމެނިފައިވަނީ ރީހެބިލިޓޭޝަން ފްރޭމްވާކަށް އަމަލުކުރަން ފެށުމަށާއި، ޖަލުތަކުގައާއި ޖަލުން ބޭރުގައި ގައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް އިތުރުކުރުމަށް ނިޒާމު ބަދަލުކުރުމަށެވެ. މީގެ އިތުރުން، ރިހެބިލިޓޭޝަން ފްރޭމްވާކާއި، މައާފުދިނުމާއި، ޕެރޯލް ހަމަޖެއްސުމާއި އަދި ހުކުމަށް ލުއި ދިނުމުގެ ނިޒާމް ގުޅުވާލުމަށްވެސް ހުށަހަޅާފައިވެއެވެ.
ރައީސް އަދި ނިންމަވާފައިވަނީ ކޮމިއުނިޓީ ސާވިސް އިތުރަށް ފުޅާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކަރުދާހުގައިވާ ގޮތުގެ މަތިން އެޅުމަށެވެ. މި ކަންކަން ތަންފީޒުކުރުމަށްޓަކައި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާ ހަވާލުކުރެވިގެންދާނެއެވެ.