ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮންގ ލީޒިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު، ޗައިނާ ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާއެކު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އެކި ދާއިރާތަކުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި ސަފީރު ވަނީ ރައީސް ޑރ. މުޢިއްޒާއި، މި ސަރުކާރުން، އެކަމަނާގެ ސަފީރުކަމުގައި ދެއްވަމުން ގެންދެވި އެއްބާރުލެއްވުމާއި އިރުޝާދު ފާހަގަކުރައްވައި ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން ސަފީރު ވަނީ މި ސަރުކާރުގެ ވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ހޯއްދަވާފައިވާ ވިލުންތެރި، ކާމިޔާބީތަކާއި، އިޖާބީ ކުރިއެރުންތައް ފާހަގަކުރައްވައި، އެ ކަންކަމަށް ތައުރީފު ކުރައްވާފައެވެ.
ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބިނާކޮށްފައިވަނީ، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރާއި، ހިއްސާކުރާ މަސްލަޙަތުތަކުގެ ތަރަހައިގެ މަތީގައިކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުމުގައި ދެބޭފުޅުން ވަނީ، ޗައިނާއިން އިސްނަގައިގެން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާއި، ކުރިއަށް އޮތް ތަނުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާމެދު މަޝްވަރާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއާއި ޗައިނާގެ ގުޅުން އަދިވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމުގައި ދެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.