ކުޅިވަރު ގާނޫނަށް އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވާ ބިލު ފާސްވެގެން އަންނައިރު، ދަނޑުތަކުން ލިބޭ އާމްދަނީ ކުޅިވަރު ފަންޑަށް ޖަމާވާގޮތަށް ހަމަޖެހިގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު މިހެން ވިދާޅުވިއެވެ. މެންބަރުގެ ސުވާލަކީ މާލޭގެ ފުޓްސަލް ދަނޑުތައް ހަވާލުކޮށްފައިވާ ފަރާތްތަކުން ހޯދާ އާމްދަނީއާ ގުޅޭ ގޮތުންނެވެ.
ވަޒީރު ވިދާޅުވީ ވަކި އުސޫލެއް ކަނޑަނޭޅި ކުޅިވަރު ދަނޑުތައް ދީފައިވާތީ، މިއީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ދަނޑުތަކުން ލިބޭ އާމްދަނީ ކުޅިވަރު ފަންޑަށް ޖަމާކުރުމަށް ވަޒީރުންގެ މަޖިލީހުން މިހާރު ނިންމަވާފައިވާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
“މިއީ އަޅުގަނޑުވެސް ވަރަށް ކަންބޮޑުވާކަމެއް، ވަކި އުސޫލެއް ކަނޑަނޭޅި އެކި ސަރުކާރުތަކުން ވާރުތަވެގެން އައިސް ހުރި ދަނޑުތަކެއްމީ، ބައެއް ދަނޑުތައް ދެވިފައިވަނީ ސިޓީއެއްގެ ޒަރިއްޔާއިން ބައެއް ދަނޑުތައް ދެވިފައިދަނީ ކޮންމެސް އަންޑަސްޓޭޑިންއެއްގެ ދަށުން. އެއީ ކޮންސިސްޓެންސީއެއް އޮތް ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،” އަބްދުﷲ ރާފިއު- ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު
ވަޒީރު ވިދާޅުވީ މިހާރު މިނިސްޓްރީގައި ހުރި ވަސީލަތްތަކުގެ ފައިސާވެސް ދާނީ ހަމަ ސަރުކާރަށް ކަމަށާއި، ދަނޑުތަކުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި، އެ ދަނޑުތައް ހަވާލުކޮށްފައިވާ ބޭފުޅުންނާއި ވާހަކަދައްކައިގެން އެއްބަސްވުމަކާއި ހަމައަށް އައިސް ކަރުދާހަށް ގެނައުމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ދަނޑުތަކުގެ ކަންތަކަކީ ވަރށް ގިނަ ދުވަސްވެފައި އޮތް ކަމެއް ކަމަށާއި ވާހަކަ ދެކެވިގެން އެއްބަސްވެގެން ނޫނީ ހައްލުކުރަން އުނދަގޫ ކަންތައްތަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
“މިހާރު މިނިސްޓްރީގައި ހުރި ވަސީލަތްތަކުގެ ފައިސާވެސް ދާނީ ހަމަ ސަރުކާރަށް. ދަނޑުތަކުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި، އެ ދަނޑުތައް ހަވާލުކޮށްފައިވާ ބޭފުޅުންނާއި ވާހަކަދައްކައިގެން އެއްބަސްވުމަކާއި ހަމައަށް އައިސް ކަރުދާހަށް ގެނައުމަށް އަޅުގަނޑު އުންމީދު ކުރަން،” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދަނޑުތަކުގެ ކަންތަކަކީ ވަރަށް ގިނަ ދުވަސްވެފައި އޮތް މައްސަލައެއް ކަމަށާއި، ވާހަކަ ދެކެވިގެން އެއްބަސްވެގެން ނޫނީ ހައްލުކުރަން އުނދަގޫ ކަންތައްތަކެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެތަންތަނުން ލިބޭ ފައިސާއަކީ ކުޅިވަރު ކުރިއަރުވަން ބޭނުންކުރާ ފައިސާއަށްވުމާއި އަދި އެ ދަނޑުތަކަކީ އެހެން މީހުންނަށްވެސް ލިބެންޖެހޭނެ ތަނެއް ކަމަށް ދެކިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވާހަކަ ދައްކައިގެން މިކަން ހައްލުވާނެ ކަމަށާއި، އެ ފައިސާ ކުޅިވަރު ކުރިއެރުވުމަށް ހޭދަކުރުމަކީ ކުޅިވަރު ކުޅޭ ފަރާތްތަކުންވެސް މިކަމަށް އިއުތިރާޒެއް ނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވަޒީރު ރާފިއު ވަނީ ވިދާޅުވެފައެވެ.