ފިޔޯރީގައި 2025 ވަނަ އަހަރު ހިންގިދާނެ ހަރަކާތްތައް ދެނެގަނެ، އެކްޓިވިޓީ ކަލަންޑަރު އެލައިން ކުރުމަށް ‘ޖޮއިންޓް އެޖެންސީ މީޓިންގ‘އެއް ބޭއްވިއްޖެއެވެ. މި ބައްދަލުވުން ބޭއްވުނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފިޔޯރީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
މި ބައްދަލުވުމުގައި ފިޔޯރީގެ ހުރިހާ މުއައްސަސާތަކުގެ އިތުރުން ޖަމްއިއްޔާ ޖަމާއަތްތަކުގެ ވެރިންވެސް ބައިވެރިވެފައިވެއެވެ. ފިޔޯރީ ކައުންސިލުން ހުވަދޫމީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މިފަދަ ބައްދަލުވުމެއް ބާއްވައި، ފިޔޯރީގެ މުއައްސަސާތަކުން އެކްޓިވިޓީ ކަލަންޑަރުތައް އެކުލަވާލުމުގެ މަގުސަދަކީ، ފިޔޯރީއަކީ މުއައްސަސާތަކުން އިސްނަގައިގެން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި އަދި ޕްރޮގްރާމްތަކާއި އަދި ކުޅިވަރު ހަރަކާތްތައް ވެސް ގިނައިން ހިންގާ ރަށަކަށް ވެފައި މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރިހާ މުއައްސަސާތަކާއި އަދި ޖަމްއިއްޔާތަކާއި މަޝްވަރާ ނުކޮށްފިނަމަ ޕްރޮގްރާމްތައް ކަލަންޑަރު ކުރުމުގައި ދިމާވާނޭ ފުށުއެރުންތަކާއި ހަރަކާތްތައް ތާވަލުކޮށްފައި ހުންނަ ތާރީހު ދިމާވެ ފުށުއެރުންތައް ހުރެދާނެ ކަމަށް ބަލައި އެކަމަށް ހައްލު ހޯދުމަށް ކަމަށެވެ.
2025 ވަނަ އަހަރު ފިޔޯރީގައި ކުރިއަށް ގެންދެވޭ ގިނަ ޙަރަކާތްތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގައި އިސްކޮށް ޙަރަކާތްތެރިވާނީ ފިޔޯރީ ކައުންސިލާއި ފިޔޯރީ އަވަށްޓެރި ފުލުހުންނެވެ. ކައުންސިލުން ފާހަގަ ކޮށްފައި ވަނީ މިފަދަ ގޮތަކަށް މުއައްސަސާތައް ގުޅިގެން ހަރަކާތްތައް ރޭވުމަކީ ވަކިވަކި މުއައްސަސާތަކުން ކުރަންޖެހޭ ހަރަދު ބޮޑުތަނުން ކުޑަވެ، ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް ދެވޭ ހިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމެއް ކަމަށެވެ.
މީގެ އިތުރުން، މިފަދަ ޕްރޮގްރާމްތައް އިތުރުކުރުމަކީ މުއައްސަސާތަކުގެ މެދުގައާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ވިލުންތެރި މުޖުތަމައެއް ބިނާވެގެންދާނެ ކަމެއްކަމަށްވެސް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ. މި މަސައްކަތުގެ ސަބަބުން ފިޔޯރީގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ، ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.