މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އަންނަ އަހަރު ކުރާނެ އެންމެ ބޮޑު ދެ މަސައްކަތެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ބާ ރަންވޭ އަލުން ބިނާ ކުރުމާއި އެއާޕޯޓުގެ މަގުތައް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ފަށަން އަމާޒު ހިފައިފިއެވެ.
ވެލާނާ އެއާޕޯޓުގެ ބާ ރަންވޭ ނުވަތަ މިހާރުގެ ނަމުން “ޓެކްސީވޭ ޗާލީ” އަލުން ތަރައްގީ ކުރުމުގެ މަސައްކަތް މިދިޔަ އޮކްޓޯބަރު މަހު ވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްފައެވެ. 1976 ގައި ހެދި މި ރަންވޭ ބޭނުން ކުރުން ހުއްޓާލީ ވެލާނާ އެއާޕޯޓުގެ އާ ރަންވޭ ތަރައްގީކޮށް ބޭނުން ކުރަން ފެށުމުންނެވެ. ކުރީގެ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށީ 2022 ގައެވެ.
ވަގުތު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި ޓެކްސީވޭ ޗާލީގެ މަސައްކަތަކީ އަންނަ އަހަރު އެންމެ ބޮޑު އެއް މަސައްކަތް ކަމަށެވެ. އެ ތަން މިހާރު ހަލާކުވެފައި ހުރުމުން ޒަމާނާ އެއްގޮތަށް ތަރައްގީ ކުރަން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ޓެކްސީވޭ ޗާލީ ނެތްނަމަ ކޮންމެ ފްލައިޓަކުން 16 މިނެޓާއި 20 މިނެޓް ބޮޑެތި ފްލައިޓްތަކުން ލަސްވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ދެވަނަ ކަމަށް ކުރާނެ ބޮޑު މަސައްކަތަކީ އެއާޕޯޓުގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ކަމަށް ޝަރީފް ވިދާޅުވިއެވެ. ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ލޭންޑް ސައިޑް މަގުތައް ހެދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ދަނީ ކުރިއަށެވެ. އަދި މިފަދަ ބޮޑު އެހެން މަޝްރޫއެއް ދާދި އަވަހަށް އިއުލާން ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެމްއޭސީއެލް އިން ދަނީ ކުރަމުންނެވެ. ޓެކްސީވޭ ޗާލީގެ މަސައްކަތް ކުރާނީ ކޮމާޝިއަލް އޮޕަރޭޝަންތަކަށް ބުރޫ ނާރާ ގޮތަށް ކަމަށް ޝަރީފު ވިދާޅުވިއެވެ. އެގޮތުން ޕީކް ސީޒަންގައި އެ މަސައްކަތް ނުކުރާނެ ކަމަށާއި މަސައްކަތް ކުރާނީ ސީޒަން ކުޑަކޮށް ލޯވުމުން ކަމަށެވެ. މި މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާލުމަށް ރާވައިގެން ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އެއް އަހަރު ކުރެއްވުނު މަސައްކަތާ މެދުގައި ހިތްހަމަޖެހި ވަޑައިގަނުގަންނަވާ ކަމަށެވެ. އެއީ އެމްއޭސީއެލްގެ ޓީމު އޮތީ އެއަށް ވުރެ ގިނަ މަސައްކަތް ކުރަން ބޭނުންވެފައި ކަމަށް ޝަރީފު ވިދާޅުވިއެވެ. ނަމަވެސް ކުރިން ޕްލޭންކޮށްފައި ފެއްޓިފައި ހުރި މަސައްކަތްތަކަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކޮށްގެން ނަތީޖާ ހާސިލްކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ޝަރީފަށް ދެއްވި އިރުޝާދަކީ ދިވެހިންނަށާއި ހިދުމަތް ލިބިގަންނަ މީހުންނަށް ހުރި ދަތިތައް ހައްލުކޮށް ވީ އެންމެ އަވަހަށް ހިދުމަތް ރަނގަޅު ކުރުމަށް ކަމަށް ޝަރީފު ވިދާޅުވިއެވެ. އެގޮތުން، ވެލާނާ އެއާޕޯޓުގެ “މުސްކުޅި ފަޔާ ސްޓޭޝަން”ގެ ބަދަލުގައި ޒަމާނީ އާ ފަޔާ ސްޓޭޝަނެއް ނިންމައި ހުޅުވައިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މިންގަނޑާ އެއްގޮތަށް އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ގެނެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭގެ އިތުރުން، އާ ކާގޯ ޓާމިނަލެއް ހުޅުވައި ހިދުމަތް ދޭން ފަށައިފައިވާ ކަމަށާއި، މީގެ ސަބަބުން ބޭރުން ގެންނަ އެއްވެސް ޕެރިޝަބަލް އރިޝަބަލް އެއްޗެއް ހަލާކު ނުވެ، ބެލެހެއްޓިގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ކާގޯ ބަލާ އަންނަ ދޯނިފަހަރަށް ހާއްސަ ބަނދަރެއް ހަދައި، ރައްކާތެރިކަމާއެކު ވާރޭ ވެހުނަސް، އެ ހަލާކު ނުވާ ގޮތަށް ގެންގޮސް ލޯޑް ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވި ގޮތުގައި މަގާމާ ހަވާލުވެވަޑައިގެން ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތަކީ ޓީމެއްގެ ގޮތުގައި އެންމެން އެކުލަވާލައި އެއް އަމާޒަކަށް މަސައްކަތް ކުރަން ފެށުމެވެ. އޭގެ ނަތީޖާ ފެނިފައިވާ އިރު، މަސައްކަތްތައް ހަލުވިވެ، އެއް ރޫހެއްގައި މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.