ދިވެހި ގައުމުގެ ހައިބަތާއި، އިއްޒަތް ދުނިޔެއަށް ހާމަކުރުމަށް
ރައީސް ކުރައްވަމުން ގެންދަވަނީ އަގުހުރި މަސައްކަތްޕުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ެއެމަނިކުފާނު މިހެން ވިދާޅުވީ މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ރައީސް ޑރ. މުޢިއްޒުގެ ދުރު ވިސްނުންފުޅާއެކު ގައުމީ މަސްލަހަތަށްޓަކައި ކަމާބެހޭ އެންމެހައި ފަރާތްތަކާއި، ގައުމީ މަސްލަހަތުވެރީންނާ، އެކުވެރި ގުޅުންތަކާއެކު އުޚުއްވަތްތެރިކަމުގެ ވިޔުގައެއް ގާއިމުކުރެވެމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި އަސްކަރީ ބާރުވެރިކަމާއި، ދިވެހި ރައްޔިތުންނަށް ދެމުންދާ ސަލާމަތީ ޚިދުމަތުގެ ދަންމަރު އެމަނިކުފާނު ގެންދަވަނީ ދުވަހެއް ދުވަހަކަށް ވަރުގަދަކުރައްވަމުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީއާއި ތަހުޒީބު، އަދި އިޖުތިމާއީ ރައްކާތެރިކަމާއި، މުޖުތަމައުގެ ދުޅަހެޔޮކަމަށްޓަކައި ރައީސް ޑރ. މުޢިއްޒު ގިނަގުނަ މަސައްކަތްޕުޅުތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މީގެއިތުރުން މި ދިވެހި ގައުމު އާރާސްތުކުރައްވައި ދިވެހި ގައުމުގެ ހައިބަތާއި އިއްޒަތް ދުނިޔެއަށް ހާމަކުރެއްވުމުގައި ރައީސް ކަންކުރައްވަމުން ގެންދަވާ އަގުހުރި، ހިކުމަތްތެރި މަސައްކަތްޕުޅުތަކަށް ނައިބު ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ.