ގދ ފިޔޯރީ ފޭސް ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ބާއްވާ، ” ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް، ފޭސް ފިޔޯރީ 2024 ” 3 ވަނަ މެޗުގައި ފިރިހެން ޑިވިޝަން އެންމެ ފަހުގެ ޗެމްޕިއަން ފަރެސްމާތޮޑާގެ މައްޗަށް ރަތަފަންދޫއިން ކުރި ހޯދައިފިއެވެ.
ފިޔޯރީ ރަސްމީ ވޮލީކޯޓުގައި ކުރިއަށް ދިޔަ މި މެޗުން ރަތަފަންދޫއިން ކުރި ހޯދާފައިވަނީ ސީދާ 3 ސެޓުންނެވެ. ރަތަފަންދޫ ޓީމުގައި ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ދަނީ ކުޅެމުންނެވެ. އަދި މި ޓީމްގެ ކޯޗަކީ އަހުމަދު އަބްދުލް ކަރީމް ލޯންގޭ އެވެ.
މި މެޗުގެ ފުރަތަމަ ސެޓު ފަސޭހަ ކަމާއިއެކު 25/13 އިން ކާމިޔާބު ކުރީ ރަތަފަންދޫ ޓީމެވެ. މެޗުގެ ދެވަނަ ސެޓުގެ ކުޅުން ފެނިގެންދިޔައީ ވާދަވެރި ފޯރިގަދަ ކުޅުމެކެވެ. މެޗުގެ ދެވަނަ ސެޓުގެ ކުރީކޮޅު ލީޑް ކުރަމުން ދިޔައީ ފަރެސްމާތޮޑާ ޓީމުންނެވެ. އެހެންނަމަވެސް ރަތަފަންދޫގެ އެޑަމް އާއި ޖުނައިދުގެ ރަނގަޅު ނިންމުންތަކާއިއެކު 25/22 އިން މިސެޓުވެސް ގެންދިޔައެވެ. މި ސެޓުގައި ފަރެސް މާތޮޑާޓީމްގެ ކުޅުންތެރިޔާ އަދި ގައުމީ ޓީމްގެ ހަސަން ނިލާމްގެ ބާރު ޝޮޓުތަކެއް ފެނިގެން ގޮސްފައިވެއެވެ.
މެޗުގެ 3 ވަނަ ސެޓު ފެނިގެން ދިޔައީ ދެ ޓީމްގެ ފަރާތުން ވާދަވެރި ހަމަހަމަ ކުޅުމެކެވެ. މިސެޓުގެ ބޮޑު ބައި ދިޔައީ ދެޓީމް އެއްވަރުކޮށް އޮވެއެވެ. ސެޓުގެ ފަހުކޮޅު އެޑަމްގެ ބާރު ޝޮޓު ތަކެއް ކާމިޔާކޮށް އަދި ކާމިޔާބު ބްލޮކްތަކެއް އަޅާފައިވެއެވެ. މި ސެޓު 25/23 އިން ކާމިޔާބުކޮށް މި މެޗް ކާމިޔާބު ކުރިއެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗެއް މިރޭ ކުރިއަށް ކުރިއަށްދާނެއެވެ. މި މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފިޔޯރީ އަދި ހޯނޑެއްދޫއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:00 ގައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގދ އަތޮޅު ކައުންސިލެވެ. އަދި އެސޯސިއޭޓެޑް ޕާޓްނަރުންނަކީ ފިޔޯރީ ކައުންސިލް އަދި ފޭސް ޖަމިއްޔާއެވެ. މުބާރާތުގެ އެންމެހާ ކަންތައްތައް ރާވައި ހިންގައި ކުރިއަށްގެންދަނީ ފޭސް ޖަމިއްޔާއިންނެވެ. މި މުބާރާތް ވެގެންދަނީ މިހާތަނަށް ހުވަދު އަތޮޅުގައި ބޭއްވޭ މަތީ ފަންތީގެ ގިނަ ކުޅުންތެރިން ވާދަކުރާ ފޯރިގަދަ މުބާރާތެއްގެ ގޮތުގައެވެ.
2021 ވަނަ އަހަރު ބޭއްވުނު މުބާރާތާއި އެއްގޮތަށް މިފަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގެ އެންމެ މޮޅު އެއްކުޅުންތެރިޔާ މުހައްމަދު އަބްދުލް ކަރީމް ( ލޯންގޭ ) އަދި އަލީ ހުޒާމް ، ނިލާމް، ޝާޑް، ރައްޒާން، އާދަމް ނަސީމް، އަބްލޯ، ފައިރޫޒް، ފަދަ މޮޅެތި ކުޅުންތެރިން އެކިއެކި ޓީމްތަކުން މި މުބާރާތުގައި ފެނިގެން ދާނެއެވެ.
މިމުބާރާތުގެ ހުރިހާ މެޗެއް ލައިވް ކުރުމަށް ނިންމާފައި ވާއިރު ފޭސް ޖަމިއްޔާގެ އޮފިޝަލް ފޭސްބުކް ޕޭޖުން މުބާރާތުގެ މެޗްތައް ލައިވް ކުރާނެއެވެ. މުބާރާތާއި ގުޅޭ ހުރިހާ މައުލޫމާތެއް މި ޕޭޖުން ލިބޭނެ ކަމަށް ފޭސް ޖަމިއްޔާއިން މައުލޫމާތުދެއެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނަނަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން 3 ޓީމް އަދި ފިރިހެން 3 ޓީމެވެ. އެއީ ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ފަރެސްމާތޮޑާ، ފިޔޯރީ އަދި ރަތަފަންދޫއެވެ. 2021 ވަނަ އަހަރު ބޭއްވުނު މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ފިޔޯރީ ވޮލީ ޓީމެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 25،000 ރުފިޔާގެ ފައިސާގެ ައިނާމު ހުށައަޅާފައެވެ.
މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.