ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް، ފޭސް ފިޔޯރީ 2024 ގެ 5 ވަނަ މެޗުގައި އަންހެން ޑިވިޝަން އެންމެ ފަހުގެ ޗެމްޕިއަން ފިޔޯރީ އަދި ނަޑެއްލާ ވާދަކުރި މެޗު ފިޔޯރީން ކާމިޔާބު ކޮށްފިއެވެ.
ފިޔޯރީ ރަސްމީ ވޮލީކޯޓުގައި ކުރިއަށް ދިޔަ މި މެޗު ފިޔޯރީން ކާމިޔާބު ކުރީ 3/1 ސެޓުންނެވެ. މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 17/25،25/18،25/18 އަދި 25/16 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ފިޔޯރީ ޓީމްއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ. އަދި މި ސެޓުގައި ނަޑެއްލާ ޓީމްގެ މާޖިދާ ގެ ރަނގަޅު އެޓޭކްތަކެއް ފެނިގެން ގޮސްފައިވެއެވެ. މި ޓީމްގައި ގައުމީ ޓީމަށް ނިސްބަތްވާ 2 ކުޅުންތެރިން ދަނީ ކުޅެމުންނެވެ. މާޖިދާގެ އިތުރުން ސަމްހާ މި ޓީމްގައި ހިމެނެއެވެ. މެޗުގެ ފުރަތަމަ ސެޓު ފަސޭހަ ކަމާއިއެކު 25/17 އިން ކާމިޔާބު ކުރީ ނަޑެއްލާ ޓީމެވެ. އަދި މެޗުގެ ދެވަނަ ސެޓުގައި ފެނުނީ ފިޔޯރީގެ ރަނގަޅު ނިންމުންތަކެއް ފެނިގެން ދިޔަ ސެޓަކަށެވެ. މާޔާ އަދި ހައްވަގެ ބާރު ޝޮޓުތަކެއް މި ސެޓުގައި ފެނިގެން ގޮސްފައިވެއެވެ. ނަތީއްޖާއެއްގެ ގޮތުން މި ސެޓު 25/18 ކާމިޔާބު ކުރިއެވެ. މެޗުގެ 3 ވަނަ ސެޓުން ފެނިގެން ދިޔައީ ފޯރިގަދަ ވާދަވެރި ކުޅުމެކެވެ. ދެޓިމްގެ ފަރާތުންވެސް ރަނގަޅު ނިންމުންތަކެއް ނިންމާފައިވެއެވެ. މި ސެޓުގެ ކުރީކޮޅު ދޭޓީމްގެ ޕޮއިންޓްތައް ވެސް ދިޔައީ ވަރަށް ހަމަހަމަކޮށެވެ. ނަމަވެސް ސެޓުގެ ފަހުކޮޅު ފިޔޯރީ ޓީމްގެ ހައްވަގެ މޮޅު ނިންމުންތަކާއިއެކު މި ސެޓުވެސް 25/18 އިން ކާމިޔާބު ކުރިއެވެ.
މެޗުގެ ހަތަރު ވަނަ ސެޓުގައި ވެސް ފިޔޯރީން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ފަސޭހަ ކަމާއިއެކު ކާމިޔާބުކުރިއެވެ. މި ސެޓުގައި ވެސް ތަފާތަކަށްވީ ފިޔޯރީ ޓީމްގެ ހައްވަ އެވެ. ހައްވަގެ ރަނގަޅު ނިންމުންތަކެއް ފެނިގެން ގޮސްފައިވެއެވެ. މި ސެޓު 25/16 އިން ކާމިޔާބުކޮށް ކުޅުނު 2 މެޗު ވެސް ފިޔޯރީން ކާމިޔާބު ކުރެވުނީއެވެ. މި މުބާރާތުގައި މި 2 ޓީމްވެސް ވަނީ މީގެ ކުރިން ކުޅުނު މެޗްތައް ކާމިޔާބު ކޮށްފައެވެ.
މުބާރާތުގައި މިރޭ ފިރިހެން ޑިވިޝަންގައި ރަތަފަންދޫ އަދި ފިޔޯރީ ވާދަކުރާނެއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ.
މިއީ އަތޮޅު ކައުންސިލުން މުޅިއަތޮޅަށް ހުޅުވާލައިގެން ބާއްވަމުންދާ ފޯރިގަދަ މުބާރާތެކެވެ. މުބާރާތް ހޯސްޓު ކުރުމަށް ހުޅުވާލުމުން، ކާމިޔާބު ކުރެއްވީ ފިޔޯރީ ފޭސް ޖަމިއްޔާއިންނެވެ. މުބާރާތުގެ އެންމެހާ ކަންތައްތައް ރާވައި ހިންގައި ކުރިއަށްގެންދަނީ ފޭސް ޖަމިއްޔާއިންނެވެ. މި މުބާރާތް ވެގެންދަނީ މިހާތަނަށް ހުވަދު އަތޮޅުގައި ބޭއްވޭ މަތީ ފަންތީގެ ގިނަ ކުޅުންތެރިން ވާދަކުރާ ފޯރިގަދަ މުބާރާތެއްގެ ގޮތުގައެވެ.
2021 ވަނަ އަހަރު ބޭއްވުނު މުބާރާތާއި އެއްގޮތަށް މިފަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގެ އެންމެ މޮޅު އެއްކުޅުންތެރިޔާ މުހައްމަދު އަބްދުލް ކަރީމް ( ލޯންގޭ ) އަދި އަލީ ހުޒާމް ، ނިލާމް، ޝާޑް، ރައްޒާން، އާދަމް ނަސީމް، އަބްލޯ، ފައިރޫޒް، ފަދަ މޮޅެތި ކުޅުންތެރިން އެކިއެކި ޓީމްތަކުން މި މުބާރާތުގައި ފެނިގެން ދާނެއެވެ.
މިމުބާރާތުގެ ހުރިހާ މެޗެއް ލައިވް ކުރުމަށް ނިންމާފައި ވާއިރު ފޭސް ޖަމިއްޔާގެ އޮފިޝަލް ފޭސްބުކް ޕޭޖުން މުބާރާތުގެ މެޗްތައް ލައިވް ކުރާނެއެވެ. މުބާރާތާއި ގުޅޭ ހުރިހާ މައުލޫމާތެއް މި ޕޭޖުން ލިބޭނެ ކަމަށް ފޭސް ޖަމިއްޔާއިން މައުލޫމާތުދެއެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނަނަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން 3 ޓީމް އަދި ފިރިހެން 3 ޓީމެވެ. އެއީ ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ފަރެސްމާތޮޑާ، ފިޔޯރީ އަދި ރަތަފަންދޫއެވެ. 2021 ވަނަ އަހަރު ބޭއްވުނު މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ފިޔޯރީ ވޮލީ ޓީމެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 25،000 ރުފިޔާގެ ފައިސާގެ ައިނާމު ހުށައަޅާފައެވެ.
މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.