ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް، ފޭސް ފިޔޯރީ 2024 ގެ 6 ވަނަ މެޗުގައި ފިރިހެން ޑިވިޝަންގެ ފިޔޯރީ އަދި ރަތަފަންދޫ ވާދަކުރިމެޗުން ފިޔޯރީން ކާމިޔާބުކޮށްފިއެވެ.
ފިޔޯރީ ރަސްމީ ވޮލީކޯޓުގައި ކުރިއަށް ދިޔަ މި މެޗު ފިޔޯރީން ކާމިޔާބު ކުރީ 3/2 އިންނެވެ. ސެޓުތައް ގެންގޮސްފައިވަނީ 25/23،28/26،2522،25/19 އަދި ފަސް ވަނަ ސެޓު 15/11 އިންނެވެ.
މިއީ މި މިމުބާރާތުގައި ކުޅުނު އެންމެ ފޯރިގަދަ އެއް މެޗެވެ. ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިންގެ ބާރު ޝޮޓުތަކާއި އެކު މެޗު ފެނިގެން ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މެޗުގެ ފުރަތަމަ ސެޓު 25/23 ފިޔޯރީން ކާމިޔާބު ކުރި އިރު، ރަތަފަންދޫ އިން ވެސް ވަނީ ބާރު ޝޮޓުތަކެއް ކާމިޔާބު ކޮށްފައެވެ. ހުޒާމްގެ ބާރު ހަމަލާތައް ހުއްޓުވުމުގައި ރަތަފަންދޫއަށް އުދަނގޫ ކުރިމަތިވިޔަސް ގިނަ ޝޮޓުތަކެއް ވަނީ ކާމިޔާބު ކޮށްފައެވެ. މެޗުގެ ދެވަނަ ސެޓުގައި ވެސް ފެނުނީ ވަރަށް ފޯރިގަދަ ވާދަވެރި ކުޅުމެކެވެ. ސެޓު ނިންމަން ރަތަފަންދޫއަށް ފުރުސަތު ލިބުނު ނަމަވެސް ސެޓުގެ ފަހުކޮޅު ހެދުނު ގޯސްތަކާއިއެކު، އަދި ފިޔޯރީގެ ނިންމުންތައް ކާމިޔާބުވެ މި ސެޓު 28/26 އިން ފިޔޯރީން ކާމިޔާބު ކުރިއެވެ. މި ސެޓުގައި ފިޔޯރީގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ އަބްދުﷲ މިހާދު ( އަބްޅޯ ) ގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ވަނީ ބަދަލުކޮށްފައެވެ.
މެޗުގެ 3 ވަނަ ސެޓުގެ ކުޅުން ފަށައިގެން ލީޑް ކުރަމުން ދިޔައީ ފިޔޯރީންނެވެ. ނަމަވެސް ސެޓުގެ ފަހުކޮޅު އެޑަމްގެ ބާރު ހަމަލާތައް ކާމިޔާބުކޮށް މި ސެޓު ރަތަފަންދޫއިން ކާމިޔާބު ކުރިއެވެ. މިސެޓު އެޓީމުން ކާމިޔާބު ކުރީ 25/22 އިންނެވެ. ހަތަރުވަނަ ސެޓުގައި ވާދަވެރި ހަމަހަމަ ކުޅުމެއް ދެ ޓީމްގެ ފަރާތުންވެސް ފެނިގެން ގޮސްފައިވެއެވެ. މިސެޓު 25/19 އިން ކާމިޔާބުކުރީ ރަތަފަންދޫއެވެ. ނަތީއްޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ނުވަތަ ޓައި ބްރޭކް ސެޓުގެ ބޮޑުބައި ލީޑް ކުރަމުން ދިޔައީ ފިޔޯރީންނެވެ. ވަރަށް ވާދަވެރި ކުޅުމަކަށްފަހު މި ސެޓު 15/11 އިން ކާމިޔާބުކޮށް މެޗު ކާމިޔާބު ކުރީ ފިޔޯރީންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖާޒީ ނަންބަރު 10 ހުސެއިން ރަޒާން އެވެ.
މިއީ އަތޮޅު ކައުންސިލުން މުޅިއަތޮޅަށް ހުޅުވާލައިގެން ބާއްވަމުންދާ ފޯރިގަދަ މުބާރާތެކެވެ. މުބާރާތް ހޯސްޓު ކުރުމަށް ހުޅުވާލުމުން، ކާމިޔާބު ކުރެއްވީ ފިޔޯރީ ފޭސް ޖަމިއްޔާއިންނެވެ. މުބާރާތުގެ އެންމެހާ ކަންތައްތައް ރާވައި ހިންގައި ކުރިއަށްގެންދަނީ ފޭސް ޖަމިއްޔާއިންނެވެ. މި މުބާރާތް ވެގެންދަނީ މިހާތަނަށް ހުވަދު އަތޮޅުގައި ބޭއްވޭ މަތީ ފަންތީގެ ގިނަ ކުޅުންތެރިން ވާދަކުރާ ފޯރިގަދަ މުބާރާތެއްގެ ގޮތުގައެވެ.
2021 ވަނަ އަހަރު ބޭއްވުނު މުބާރާތާއި އެއްގޮތަށް މިފަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ އެންމެ މޮޅު ވޮލީ ކުޅުންތެރިން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރާއްޖޭގެ އެންމެ މޮޅު އެއްކުޅުންތެރިޔާ މުހައްމަދު އަބްދުލް ކަރީމް ( ލޯންގޭ ) އަދި އަލީ ހުޒާމް ، ނިލާމް، ޝާޑް، ރައްޒާން، އާދަމް ނަސީމް، އަބްލޯ، ފައިރޫޒް، ފަދަ މޮޅެތި ކުޅުންތެރިން އެކިއެކި ޓީމްތަކުން މި މުބާރާތުގައި ފެނިގެން ދާނެއެވެ.
މިމުބާރާތުގެ ހުރިހާ މެޗެއް ލައިވް ކުރުމަށް ނިންމާފައި ވާއިރު ފޭސް ޖަމިއްޔާގެ އޮފިޝަލް ފޭސްބުކް ޕޭޖުން މުބާރާތުގެ މެޗްތައް ލައިވް ކުރާނެއެވެ. މުބާރާތާއި ގުޅޭ ހުރިހާ މައުލޫމާތެއް މި ޕޭޖުން ލިބޭނެ ކަމަށް ފޭސް ޖަމިއްޔާއިން މައުލޫމާތުދެއެވެ.
އަންހެން އަދި ފިރިހެން ޑިވިޝަނަނަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ އަންހެން 3 ޓީމް އަދި ފިރިހެން 3 ޓީމެވެ. އެއީ ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ފަރެސްމާތޮޑާ، ފިޔޯރީ އަދި ރަތަފަންދޫއެވެ. 2021 ވަނަ އަހަރު ބޭއްވުނު މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަކީ ފިޔޯރީ ވޮލީ ޓީމެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 25،000 ރުފިޔާގެ ފައިސާގެ ައިނާމު ހުށައަޅާފައެވެ.
މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.