ވިލިމާލޭގައި އަޅަން ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް މިއަދު ހާމަކުރެއްވިއެވެ.
މިހާރު 15،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ވިލިމާލޭގައި މިވަގުތު ހުރި ހޮސްޕިޓަލަކީ އެރަށުގެ އާބާދީއަށް އެކަށީގެންވާ ޚިދުމަތްތައް ފޯރުކޮށްދެވޭ ވަރުގެ ތަނެއް ނޫނެވެ. މިހާރު ބޭނުންކުރަމުންދާ ހޮސްޕިޓަލުގައި ހުރީ އެންމެ 5 އެމަޖެންސީ އެނދާއި 3 ކޮޓަރި އެކަނި ކަމަށްވާތީ، ގިނަ ފަހަރަށް އާދައިގެ ބަލިތަކަށްވެސް މާލެއަށް ދަތުރުކުރަން ޖެހުމަކީ ވިލިމާލޭ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.
މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން، ސަރުކާރުން ވަނީ ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫޢު ފަށާފައެވެ. މި މަޝްރޫޢާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ކޮންޓްރެކްޓް އެކުލަވާލުމުގެ މަސައްކަތްތައް ކަމަށެވެ.
“މިވަގުތު ކުރަމުންދަނީ ކޮންޓްރެކްޓް އެކުލަވާލުމުގެ މަސައްކަތް. އަޅުގަނޑުމެން އުއްމީދުކުރަނީ އަންނަ އަހަރުގެ މެދުތެރޭގައި މި ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް،” ސީއީއޯ ވިދާޅުވިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު މަޝްވަރާތައް ކުރެވި، މިނިޓްސް އޮފް ދަ މީޓިންގްސްގައި ސޮއިކުރެވިފައިވާ ކަމަށާއި، ވިލިމާލޭ ހޮސްޕިޓަލުގެ ފީސިބިލިޓީ ދިރާސާގެ މަސައްކަތް ޗައިނާގެ ސިޑްކާ ކުންފުނިން ވަނީ ނިންމާފައިކަމަށްވެސް އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ފާހަގަކުރެއްވިއެވެ.
މި ހޮސްޕިޓަލް އެޅުމުން، ވިލިމާލޭގެ ރައްޔިތުންނަށް ފުރިހަމަ ޞިއްޙީ ޚިދުމަތްތައް ލިބި، މާލެއަށް ދަތުރުކުރަން ޖެހޭ މިންވަރު މަދުވެގެންދާނެއެވެ.