މަސްވެރި ސިނާއަތަށް ވަށާޖެހޭ ދާއިމީ ހައްލެއް ހޯދައިދިނުމުގައި މި ސަރުކާރުން އަންނަނީ ތަފާތު ދައްކަމުން ކަމަށް މަސްވެރިއަކު ބުނެފިއެވެ.
މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ޙަސަން ސާޖިން ނުވަތަ މަޝްހޫރު ނަމުންނަމަ ”ޒުވާން މަސްވެރިޔާ” ބުނީ ރީތި މޮޅެތި ޝިއާރުތާކާއި ރީތި “ސްލޯގަން” ތައް ކިޔައިގެން މަސްވެރިކަން ކުރިއަރާނަމަ، ނުވަތަ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލެއް ލިބޭނެނަމަ ފާއިތުވި 16 ވަރަކަށް އަހަރުތެރޭ އެކަން އޮންނާނީ ވެނިމިފައި ކަމާމެދު ޝައްކުކުރާނެ މީހަކު ނުހުންނާނެ ކަމަށެވެ.
ނަމަވެސް ފެންނާން އޮތީ ވަގުތީ ހައްލު ހޯދައިދިނުމާއި ލޮލުގައި އަނދުން އެޅުވުމަށް ކުރެވުނު މަސައްކަތުގެ ނުރަނގަޅު ނަތީޖާ ކަމަށާއި، އެއީ ދާއިރާއަށް ޚިޔާނާތްތެރިވުން ކަަމަށް އޭނާ ބުންޏެވެ.
ގއ.ގެމަނަފުށްޓަށް ނިސްބަތްވާ މަސްވެރިޔާ އިތުރަށް ބުނީ މަސްވެރިކަމުގެ ސިނާއަތުން ފެންނާން އޮތް އެންމެ ބޮޑު ހަގީގަތަކީ، ބޭނުންވަނީ ދާއިރާގައި ހުރި މައްސަލަތަކަށް ވަގުތީ ހައްލެއް ނޫންކަން ކަމަށެވެ. އަދި މަސްވެރިން ބޭނުންވަނީ އެ ސިނާއަތަށް ވަށާޖެހޭ ދާއިމީ ހައްލެއް ކަމަށެވެ.
މި ހައްލު ހޯއްދަވައި ދެއްވުމުގައި ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރުވެސް އަންނަނީ ތަފާތު ދައްކަވަމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.