މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް އިންޒާރުދީ ބިރުދެއްކި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މަސްތުގެ ހާލަތުގައި ހުރެ ފުލުހަކަށް އިންޒާރުދީ ބިރުދައްކައި ހަޑިހުތުރު ބަހުން މުއާމަލާތްކުރި ކަމުގެ ތުހުމަތުގައި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި 30 އަހަރުގެ ފިރިހެނަކު ހއ.ހޯރަފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ 28 ގައި ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހުރިއިރު އަނިޔާކުރި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ފުލުހުން ބުނީ އެފަދަ އެއްވެސް ޝަކުވާއެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
އެފަދަ ޝަކުވާއެއް އޮތްނަމަ އެ އޮންނަ އުސޫލުގެ ތެރެއިން ހުށަހަޅައިގެން ބެލުން އެއީ ފުލުހުންގެ ޚިދުމަތުން ބާރު އަޅާ ކަމެއް ކަމަށާއި، އެފަދަ ތަހުގީގުތަކަށް އެ ޚިދުމަތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.