މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ (އެމްއެފްއާރްއޭ) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގުޅިގެން “މަސްވެރިންގޭ ގުންޒަރު ފޯރަމް” ގެ ނަމުގައި ޚާއްޞަ ފޯރަމެއް މިއަދު ފަށައިފިއެވެ.
މި ފޯރަމަކީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ބޭއްވޭ ދެ ދުވަހުގެ ހަރަކާތެކެވެ. މި ފޯރަމްގައި މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމުގެ އިތުރުން މިފްކޯގެ ސީއީއޯ ޑރ. ހުސައިން ރަޝީދު ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސީއީއޯގެ ފަރާތުން މިފްކޯ ތަމްސީލް ކުރުމަށް މި ޕެނަލްގައި މިފްކޯގެ ސީއެސްއޯ އިލްޔާސް ހަނީފް ބައިވެރިވެވަޑައިގަންނަވައެވެ.
މި ފޯރަމްގައި ކެޔޮޅުންނާއި މަސްވެރިން އަދި މަސްވެރިކަމުގެ ދާއިރާގައި މަސް ޕްރޮސެސްކޮށް މި ވިޔަފާރީގައި އުޅުއްވާ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެން ކުރައްވާ ސުވާލުތަކަށް މިނިސްޓްރީ އަދި މިފްކޯގެ ފަރާތުން ޖަވާބުދާރީވާނެއެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. މީގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ހުރި ގޮންޖެހުންތަކާއި، އެ ދާއިރާ ކުރިއެރުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވާހަކަދެކެވޭނެއެވެ.
މި ފަދަ ފޯރަމްތަކަކީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. އަދި މިފަދަ ހަރަކާތްތަކުން މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.
މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށާއި، މިހާރަށްވުރެ ފުޅާކުރުމަށް މަސްވެރިންނާ ބައްދަލުކުރައްވައި، މަސްވެރީން ބޭނުންވާގޮތަށް ކަންކަން ނިންމެވުމަށް ރައީސުލްޖުމްހުރިއްޔާ ދަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. މިގޮތުން މިދިޔަ ހަފުތާވެސް އެމަނިކުފާނު ވަނީ ކެޔޮޅުންނާ ބައްދަލުކުރައްވާފައެވެ.